މުކޭޝް އަމްބާނީގެ މުއްސަނދިކަމުގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެއީ އޭޝިޔާގެ އެންމެ މުއްސަނދި މީހާ އެވެ. މުއްސަނދި ކަމުގެ ގޮތުން ބަލާއިރު އަމްބާނީ އަށް ވުރެ ކުރީގައި އުޅޭ ކިތަންމެ ބަޔަކު ދުނިޔޭގައި ތިބި ކަމުގައި ވިޔަސް ދިރިއުޅުމުގެ ވައްޓަފާޅި އަމްބާނީހާ މުއްސަނދިކޮށް ބައްޓަން ކުރާ މީހަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިސާލެއްގެ ގޮތުން އަމްބާނީގެ 27 ބުރީގެ ގެ ފުދެ އެވެ.

އިންޑިއާގެ މުމްބާއީގެ ބިލިއަނަރުން ދިރިއުޅޭ އަލްޓާމައުންޓު ރޯޑުގައި ހުންނަ 27 ބުރީގެ އަންޓީލިއާ އަކީ ދުނިޔޭގައި މި ވަގުތު ހުރި އާންމު މީހެއްގެ އެންމެ އަގު ބޮޑު ގެ އެވެ އެ ގޭގައި ދިރިއުޅޭނީ އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީ އާއި އޭނާގެ އާއިލާ އެވެ. އަނިޓީލިއާ އަށް ވުރެ އަގު ބޮޑު ގެއަކަށް ދުނިޔޭގައި ހުރި ހަމައެކަނި ގެއަކީ އިނގިރޭސި ރަސްގެފާނުގެ ޝާހީ ގެކޮޅު ބަކިންހަމް ޕެލަސް އެވެ.

އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު އަމްބާނީގެ ގޭގެ އަގަކީ ދެ ބިލިއަން ޑޮލަރެވެ. އަގުގެ ގޮތުން އެއީ އެމެރިކާގެ ވައިޓް ހައުސް އަށް ވުރެ 400 ގުނަ ބޮޑު އަދަދެކެވެ. އިނގިރޭސި ރަސްގެފާނުގެ ޝާހީ ގެކޮޅު ބަކިންހަމް ޕެލަސްގެ އަގަކީ ފަސް ބިލިއަން ޑޮލަރެވެ.

ހަތާވީސް ބުރީގެ އަންޓީލިއާގެ ފަންގިފިލާތަކުގެ ތެރެއިން އެންމެ ތިރީ ހަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ އަމްބާނީ އާއިލާ އާއި އެގެއަށް ޒިޔާރަތް ކުރާ މެހެމާނުންގެ ކާރުތައް ޕާކް ކުރުމަށެވެ. އެ ހަ ބުރީގައި 160 ކާރު ޕާކު ކުރެވޭނެ ޖާގަ ހުރެ އެވެ. އެ ކާރުތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ޚިދުމަތް، ދީ މަރާމާތުކޮށް، ބެލެހެއްޓުމަށްޓަކައި ގާއިމުކޮށްފައިވާ ކާރު މަރާމާތު ކުރާ ގަރާޖަށް ޚާއްސަ ކޮށްފައި ވަނީ އިމާރާތުގެ ހަތް ވަނަ ފަންގިފިލަ އެވެ.

އަށް ވަނަ ފަންގިފިލަ އާއި ނުވަ ވަނަ ފަންގިފިލަ އާއި 10 ވަނަ ފަންގިފިލާ ޚާއްސަ ކޮށްފައި ވަނީ ބަގީޗާ އަށެވެ. އެ ބަގީޗާތަކުގައި ގިނަ އަދަދެއްގެ ގަސްތައް ހައްދާފައި ހުރެ އެވެ. އެގާރަ ވަނަ ފަންގިފިލަ އާއި 12 ވަނަ ފަނގިފިލާގައި ހުންނަނީ ދެ ރެސްޓޯރެންޓެވެ. އޭގެ ތެރއިން ކޮންމެ ރެސްޓޯރެންޓަކީ ވެސް ފަސްތަރީގެ ރެސްޓޯރެންޓެކެވެ.

ރެސްޓޯރެންޓަށް ފަހު ދެން ހުންނަ ދެ ފަންގިފިލާ ކަމަށްވާ 13 އާއި 14 ވަނަ ފަންގިފިލާގައި ހުންނަނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމު ކޮށްފައިވާ ޕްރޮފެޝަނަލް ދެ ޖިމް އެވެ.

އަނިޓީލިއާ: ދުނިޔޭގެ އެންމެ އަގު ބޮޑު ގޭގެ އެތެރެ

އަމްބާނީގެ އާދަޔާ ޚިލާފު ގޭގެ ފަންގިފިލާތަކުގައި ކާރާއި ކާރު މަރާމާތު ކުރުމަށް ބޭނުންވާ ގަރާޖާއި ޕާކުތަކާއި ޖިމްތައް ހުންނަ ފަދައިން އެންމެ ފެންވަރު މަތީ ވަސީލަތްތަކާއެކު ގާއިމު ކޮށްފައިވާ ހޮސްޕިޓަލެއް ވެސް ހުރެ އެވެ. މި ހޮސްޕިޓަލުން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސިއްހީ ޚިދުމަތް ލިބެން ހުރެ އެވެ. ހޮސްޕިޓަލަށް ޚާއްސަކޮށްފައި ވަނީ އަންޓީލިއާގެ 15 ވަނަ ފަންގިފިލަޔާއި 16 ވަނަ ފަންގިފިލަ އެވެ.

ސަތާރަ ވަނަ ފަންގިފިލަޔާއި 18 ވަނަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ވީއައިޕީ ކޮޓަރިތަކަށެވެ. އެ ކޮޓަރިތަކުގެ ފެންވަރު ފަސްތަރީގެ ހޮޓާތަކަށް ވުރެ މައްޗެވެ.

އަމްބާނީ އާއިލާގެ އެންމެ ހަ މީހުން ދިރިއުޅުމަށްޓަކައި ޚާއްސަކޮށްފައި ވަނީ ގޭގެ 19 އާއި 20 ވަނަ ފަންގިފިލަ އެވެ. އެ ދެބުރީގައި އަންބާނީ އާއިލާގެ ހަ މީހުނަށް ޚާއްސަ ކޮށްފައިވާ އެތައް ބައިވަރު ކޮޓަރިތަކެއް ހުރެ އެވެ.

އެކާވީސް ވަނަ ފަންގިފިލައިން ފެށިގެން 26 ވަނަ ފަންގިފިލަޔާ ހަމަޔަށް ހުންނަނީ ގޭގައި ޚިދުމަތްކުރާ މުވައްޒަފުންގެ ދިރިއުޅުމަށް ޚާއްސަ ކޮށްފައިވާ ކޮޓަރިތަކެވެ. ހަތާވީސް ވަނަ ފަންގިފިލާގައި ހުންނަނީ މުނިފޫހި ފިވުމަށް ޚާއްސަ ތަންތަނެވެ. އޭގެ ތެރޭގައި ސިނަމާތަކާއި ތަފާތު ކުޅިވަރުތައް ކުޅޭ ތަންތަން ހިމެނެ އެވެ. ގޭގެ އެންމެ މަތީގައި އޮންނަނީ ހެލިޕެޑެކެވެ.

ގޭގައި ދިރިއުޅޭ ހަ މީހުނަށް ޚިދުމަތް ކުރުމަށްޓަކައި އެގޭގައި 600 މުއައްޒަފުން އުޅެ އެވެ. އެއީ ބޮލަކަށް 100 މީހުންނެވެ. އެ ހުރިހާ މުއައްޒަފުންގެ ދިރިއުޅުން ވެސް ހަމަޖައްސާފައި ހުންނަނީ އަމްބާނީގެ ގޭގަ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ގޭގެ ލަގަބު ލިބިފައިވާ އިންޑިއާގެ މަޝްހޫރު ވިޔަފާރި ވެރިޔާ މުކޭޝް އަމްބާނީގެ ގޭގެ ޚަރަދުތައް ހިނގާނެ ވަރު އަންދާޒާ ކޮށްލުމަށްޓަކައި ހަމައެކަނި ގޭގެ ކަރަންޓު ބިލަށް ބަލައިލުމުން ވެސް ފުދެ އެވެ. މަހެއްގެ މައްޗަށް އަމްބާނީގެ ގޭގެ ކަރަންޓު ބިލަށް 98،000 ޑޮލަރު ހޭދަވެ އެވެ.