އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތަކަށް އެދިވަޑައިގެން މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އަހުމަދު ރަޝީދު ހައި ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މަޖިލިސް އިންތިހާބުގައި ރަޝީދު އެންމެ ފުރަތަމަ ނިންމެވީ ޑިމޮކްރެޓްސްގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރެއްވުމަށެވެ. ޑިމޮކްރެޓިސްގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ހިތަދޫ މެދު ދާއިރާ އަށް ރަޝީދު ފިޔަވައި އިތުރު މީހަކު ކުރިމަތިލާފައެއް ނުވެ އެވެ. އެހެންވެ، ޑިމޮކްރެޓްސް އިން ވަނީ އޭނާ އަށް ޓިކެޓު ދީފަ އެވެ.

ރަޝީދު ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ރަޝީދު ފޯމް ވެސް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ފަހުން ނަން އަނބުރާ ގެންދެވީ އެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހަށް ތާވަލު ކުރުމާ އެކު ރަޝީދު ވަނީ އޭނާގެ ފޯމް އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަޝީދުގެ ކެންޑިޑެސީ ބަލައިނުގަތުމަށެވެ.

އިންތިހާބު ބާއްވާ ތާރީހު ފަސްކުރި ނަމަވެސް، އިންތިހާބަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް އީސީން ނުދެ އެވެ.

އެހެންވެ، އިލެކްޝަން ކޮމިޝަންގެ އެ ނިންމުމާ ދެކޮޅަށް އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި އަހުމަދު ރަޝީދު ވަނީ މައްސަލަ ހައި ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފުރަތަމަ ނިންމީ މިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް، މަޖިލީހުން ވަނީ ރޯދަ މަސް ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހު ތަސްދީގު ކުރެއްވުމުން އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގަ އެވެ.