މިދުވަސްވަރު އާދަޔާ ހިލާފަށް ހޫނުގަދަވުމުން މާލެ ސަރަހައްދުގެ ކަރަންޓު ލޯޑު ވަރަށް މަތި ކަމަށާއި އެވްރެޖްކޮށް ދުވާލަކު 104.7 މެގަވޮޓް މިހާރު ބޭނުންކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

މާލެ ސަރަހައްދަށް ކަރަންޓު ދޭ ސަރުކާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިއަދު ވިދާޅުވީ މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ އާއި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށް ވުރެ އިތުރު ކަމަށެވެ. އެހެންވެ މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ފަހުމީ ވިދާޅުވީ އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި ދުވާލަކު 94 މެގަވޮޓާ ހަމައަށް ކަރަންޓު ބޭނުން ކުރާއިރު، މި ދުވަސްވަރު 104.7 މެގަވޮޓާ ހަމައަށް ކަރަންޓު ބޭނުންކުރާ ކަމަށެވެ.

"އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިޤުތިޞާދު ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން،" އޭނާ ވިދާޅުވި އެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހޫނު ދުވަސް ކޮޅެކެވެ. މިދިޔަ އަހަރަށް ވުރެ ވެސް މިއަހަރު ހޫނުމިން ވަނީ މައްޗަށް ޖެހިލާފަ އެވެ. މިއަހަރު 44 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްގަ އެވެ.

ހޫނު މޫސުމަކަށް ނުވި ނަމަވެސް ދޭތެރެ ދޭތެރެއިން ކަރަންޓު ބިލު ބޮޑުވާކަމުގެ ޝަކުވާ އާއްމުންގެ ގިނަ ބަޔަކު ކުރެ އެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އިން އަބަދުވެސް ބުނަނީ ބޭނުން ނުކުރާ ކަރަންޓަކަށް އެ ކުންފުނިން ޗާޖެއް ނުކުރާނެ ކަމަށެވެ.