ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ބަލަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ހިޔާނާތާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

ފައްޔާޒް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނީ މާދަމާ މެންދުރު ފަހު 15:00 އަށެވެ.

ޗިޓުގައި އޮތީ އާރުޑީސީ އަށް ލިބޭ ފައިސާ ކުންފުނީގެ ވެރިންނާއި އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރުޑީސީން ކުރި މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒް އަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި އާރުޑީސީގެ ހިޔާނާތުގެ މައްސަލާގައި 14 މިލިއަން ރުފިޔާ ހިމެނޭ ކަމަށާއި މިހިޔާނާތުގައި 11 މިލިއަން ރުފިޔާ އެކުންފުނީގެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ މި މައްސަލަގައި ތިން މީހެއްގެ އެކައުންޓަށް 14 މިލިއަންއަށް ވުރެން ގިނަ ފައިސާ އާރްޑީސީއިން ފޮނުވާފައިވާ ކަމަށާއި މީގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ އެކައުންޓަށް އަދި އާރްޑީސީގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންގެ އެކައުންޓަށް އެ ތިން މީހުން ފޮނުވާފައިވާ ކަމަށެވެ.

"އެކެއްގެ އެކައުންޓަށް 219 ޓްރާންސެކްޝަން ހެދިފައި ހުރިކަން އެބަ އެނގޭ، އެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ހުރި ގޮތް އެއީ ހޯދަންޖެހޭ ކަމެއް، ކޮންމެ ޓްރާންސެކްޝަނެއްގެ މައުލޫމާތު ވަކި ވަކިން ހޯދާ އެމީހުންނާއި ސުވާލުކުރަންޖެހޭ، ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެކައުންޓްތަކަށް އާރްޑީސީގެ ފައިސާ ޖަމާވެފައިވޭ، އެކެއްގެ އެކައުންޓަށް އެބަހުރި އެކި ފަހަރު މަތިން 11 މިލިއަން ރުފިޔާ ވަދެފައި،" ނާފިޒް ވިދާޅުވި އެވެ.

މި މައްސަލަ އެސީސީއަށް ވެސް ހުށަހަޅާފައިވުމާއެކު ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަން ކުރިއަށް ގެންދިޔުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ނާފިޒް ވަނީ ވިދާޅުވެފަ އެވެ.