އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ނުކުރާ ކަމަށާއި ފުލުސް އޮފީހަށް އޭނާ ހާޒިރު ކުރީ މައުލޫމާތު ސާފު ކުރުމަށް ކަމަށް ފައްޔާޒްގެ ވަކީލް މަހްފޫޒް ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ބަލަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ހިޔާނާތާ ގުޅިގެން ފައްޔާޒް ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ފައްޔާޒަށް ފޮނުވި ޗިޓުގައި ބުނެފައި އޮތީ އޭނާ ހާޒިރު ކުރާ ސަބަބަކީ އާރްޑީސީގެ ފައިސާއަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ހިޔާނާތްތެރިވެ، އެ ހިޔާނާތްތެރިވި ފައިސާއިން ފައްޔާޒަށް މާލީ މަންފާތަކެއް ލިބިފައިވާ ކަމަށް ބެލެވޭތީ އެވެ.

އެކަމަކު، ފުލުހުންގެ އިދާރާ އިން ނުކުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒްގެ ވަކީލު މަހްފޫޒް ވިދާޅުވީ ފައްޔާޒަށް ކުރެވޭ ތުހުމަތަކީ އާރްޑީސީއާއެކު ވިޔަފާރީގެ މުއާމަލާތެއް ކުރާ ކުންފުންޏަކަށް ފޮނުވި ޕޭމަންޓަކުން ލިބުމުން އެ ކުންފުނިން ފައްޔާޒްގެ އެކައުންޓަށް ފައިސާ ފޮނުވާފައިވުން ކަމަށެވެ.

"އާރްޑީސީއާ ގުޅިގެން އެ ބަލާ މައްސަލައާ ޗެއާޕާސަންއާ އެއްވެސް ގުޅުމެއް ހުރި ކަމަށް ވެސް މިއަދު ފުލުހުން އަދި މިހާތަނަށް ވިދާޅުވެފައެއް ނެތް،" މަހްފޫޒް ވިދާޅުވި އެވެ.

ފައްޔާޒް ހާޒިރު ކުރަނީ މައުލޫމާތު ސާފު ކުރަން ކަމަށްވާ އިރު، ފުލުހުން ސާފު ކުރަން ބޭނުންވި މައުލޫމާތަކީ އާންމުކޮށްފައިވާ މައުލޫމާތު ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އުފެއްދި އާރުޑީސީގެ ހިޔާނާތުގެ މައްސަލާގައި 14 މިލިއަން ރުފިޔާ ހިމެނޭ ކަމަށާއި މިހިޔާނާތުގައި 11 މިލިއަން ރުފިޔާ އެކުންފުނީގެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ މި މައްސަލަގައި ތިން މީހެއްގެ އެކައުންޓަށް 14 މިލިއަންއަށް ވުރެން ގިނަ ފައިސާ އާރްޑީސީއިން ފޮނުވާފައިވާ ކަމަށާއި މީގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ އެކައުންޓަށް އަދި އާރްޑީސީގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންގެ އެކައުންޓަށް އެ ތިން މީހުން ފޮނުވާފައިވާ ކަމަށެވެ.

"އެކެއްގެ އެކައުންޓަށް 219 ޓްރާންސެކްޝަން ހެދިފައި ހުރިކަން އެބަ އެނގޭ، އެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ހުރި ގޮތް އެއީ ހޯދަންޖެހޭ ކަމެއް، ކޮންމެ ޓްރާންސެކްޝަނެއްގެ މައުލޫމާތު ވަކި ވަކިން ހޯދާ އެމީހުންނާއި ސުވާލުކުރަންޖެހޭ، ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެކައުންޓްތަކަށް އާރްޑީސީގެ ފައިސާ ޖަމާވެފައިވޭ، އެކެއްގެ އެކައުންޓަށް އެބަހުރި އެކި ފަހަރު މަތިން 11 މިލިއަން ރުފިޔާ ވަދެފައި،" ނާފިޒް ވިދާޅުވި އެވެ.

އާރްޑީސީގެ އޮފީހުގައި ހިންގި އެތައް ގަޑި އިރުގެ ތަހްގީގަކަށް ފަހު ގިނަ އަދަދެއްގެ ލިޔެކިޔުންތައް ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެންދިޔަ އެވެ. އާރުޑީސީގެ އެކައުންޓުގައި ހުރި 13.8 މިލިއަން ރުފިޔާ ވަގަށް ނަގައި އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއް ފުލުހަށް ހުށަހެޅި އެ އިދާރާއިން އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަން ހާމަވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ހާމަވެފައިވަނީ ވަގަށް ނެގި ފައިސާގެ އަދަދު 13 މިލިއަނަށްވުރެން ގިނަކަމެވެ.