އާންމު އިއުލާނަކާ ނުލައި އަދި ބީލަމަށް އިއުލާން ނުކޮށް ރަށް ރަށުން ބިން ދޫކުރެވޭނެ ބޭނުންތައް ބަޔާންކޮށް، ދިރިއުޅުން ނޫން އެެހެން ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓްރީ ކުރުމުގެ ގަވާއިދެއް ހައުސިން މިނިސްޓްރީން ނެރެފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރި ގަވައިދުގައިވާ ގޮތުން ބިން ދޫކުރެވޭނެ ފަސް ގޮތަކީ ކުއްޔަށް ދިނުން، ވިއްކުން، ވަގުތީ ގޮތުން ބެލެހެއްޓުމަށް ދިނުން، ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުގެ ބޭނުންތަކަށް ދޫކުރުމާއި ކުއްޔަކާ ނުލާ ދިނުމެވެ.

އެ ގަވައިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ކަނޑައަޅުއްވާ، ކައުންސިލްތަކުގެ އިހުތިސޯސްގައި ހިމެނޭ ރަށަކުން ބިން ދޫކުރާނީ އެ ރަށެއް ހިމެނޭ ކައުންސިލަކުން ކަމަށާއި އެ ނޫން ބިންތައް ދޫކުރާނީ މިނިސްޓްރީން ކަމަށް އޭގައިވެ އެވެ.

ބީލަމުގެ އުސޫލުން ބިން ދޫކުރަން އިއުލާންކުރާއިރު ހަ ކަމެއް އޭގައި ހިމަނަން ޖެހެ އެވެ. އެއީ ބިން އޮތް ތަން، ބިމުގެ ބޮޑުމިން، ބިމުގެ ބާވަތް، އަދި ބިން ދޫކުރާ ބޭނުމުގެ މައުލޫމާތުބިންތައް ކުއްޔަށް ދޫކުރާ މުއްދަތު، ބިން ލިބޭ ފަރާތް ކަނޑައަޅަން، ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތްފޯމު ހުށަހަޅަން ޖެހޭ މުއްދަތު ހުށަހެޅޭނެ އެންމެ ކުޑަ ކުލި ނުވަތަ ބިން ވިއްކުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގު، ބިން ހޯދުމަށް ހުށަހަޅާ ފަރާތުގައި ޝަރުތުތަކެއް ހުންނަން ޖެހޭނަމަ އެ ޝަރުތުތަކެވެ.

ބީލަމުގެ އުސޫލަށް ނުފެތޭ ގޮތަށް ނަމަވެސް އާންމު އިއުލާނަކުން ބިން ދޫކުރެވެން ވާނެ ބޭނުންތައް އަދި އެކި ބޭނުންތަކަށް ދޫކުރާނެ މުއްދަތު ވެސް ގަވާއިދުގައިވެ އެވެ. އެއީ މަސް، ލަނޑާ ކައްކައި ހިއްކުން ފަދަ މަސައްކަތަށް ތިން އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުރުމާއި ދަނޑުވެރިކަމުގެ މަސައްކަތަށް ތިން އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުރުމާއި ޖަނަވާރު ގެންގުޅެން ތިން އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުރުމާއި ގާޑިޔާ ވިޔަފާރި ހިންގަން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުރުމާއި ސާފުކޮށް ބެލެހެއްޓުމަށް އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުރުމެވެ.

އާންމުކޮށް އިއުލާން ނުކޮށް ބިން ދޫކުރެވޭނެ ފަސް ކަމަކީ ދައުލަތުގެ ވުޒާރާތައް އަދި އިދާރާތަކަށް ދޫކުރުމާއި އާންމު އިޖުތިމާއީ ބޭނުމަށް ދޫކުރުމާއި އާންމު ހިދުމަތްތަކަށް ބިން ދޫކުރުމާއި ބޭރު ގައުމެއްގެ ޑިޕްލޮމެޓިކް މިޝަން އަދި ބައިނަލްއަގްވާމީ ޖަމިއްޔާއެއްގެ ބޭނުމަކަށް ކުރުމާއި އޮޑިވަޅު ބިމެވެ.