މާލޭގެ ޓޭކްއަވޭއަކަށް ގެއްލުންދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ މާލެ އަށް އުފަން އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މާރާމާރީއަކީ ރޯޝަނީ މަގުގައި ހުންނަ "ފޫޑް ޓެކްއަވޭ އައުޓްލެޓް" އަކަށް ގެއްލުންދޭން އުޅުމުން ހިންގި މާރާމާރީއެއް ކަމަށް ފުލުހުން ބުނެ އެވެ. ކޯޓު އަމުރުގައިވާ ގޮތުން އެމީހާ މާރާމާރީ ހިންގި ކަމާއި ހޮޅިދަނޑިއެއް ހިފައިގެން ހުރި ކަމަށް ވަނީ އިއުތިރާފްވެފަ އެވެ.

އެމީހާ ބަންދުކޮށްފައި ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނާތީ އެވެ.

މި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، ވީޑިއޯ އިން ފެންނަނީ މީހުންތަކެއްގެ މެދުގައި މާރާމާރީ ހިންގާ މަންޒަރެވެ. އަދި މާރާމާރީއަށް ފަހު އެއްބައި މީހުން ސައިކަލަށް އަރައިގެންދާ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.