ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީ އަށް މަޖިލިސް ލިބުން ވާނީ ބޮޑާ ކަމަށް އިތުރު ކުރެވޭ ހަކަތައަކަށް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް އެގޮތަށް ވިދާޅުވެފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މަސައްކަތް ކުރީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ވެރިކަމަށް އަންނަން ކަމަށާއި މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފައިލް ކުރީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމު ކޯޓުން ނުނިންމަނީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.

ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީން ޖަލުގައި ބާއްވައިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވެރިކަމަށް އަންނަން އުޅުނު ވާހަކައަކީ ތެދު ގަބޫލު ކުރާ، އަދި މިއަދު ވެސް ނަޒާހަތްތެރި ވަޒީފާގެ ބިރު ނެތް ނުވަތަ ވަޒީފާގެ އުންމީދު ނެތް ކޮންމެ މެމްބަރަކު ދައްކަމުން ދިޔަ ވާހަކައެއް ކަމަށެވެ.

މިއީ ޕީޕީއެމްގެ ތެރޭގައި ތިބި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއިއްޒު ފަދަ ބޭފުޅުން މަސައްކަތް ކުރަމުން ދިޔަ ގޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މިކަން އިތުރަށް މިއަދު ކަށަވަރު ވަނީ މި ބޭބޭފުޅުންގެ ބަސް މަގު މިއަދު ބަދަލުވެގެން ދިޔަ މިންވަރުން. ހަގީގަތް އޮޅުވާލަން މިވަރަށް ބިރު ނުގަންނަ ބަޔަކަށް މަޖިލިސް ނުވަތަ އެހެން އިތުރު ބާރެއް ލިބުން ވާނީ ޕީއެންސީގެ ބޮޑާ ކަމަށް އިތުރު ކުރެވޭ ހަކަތައަކަށް،" ޖަމީލް ވިދާޅުވި އެވެ.

"އެ ހުސްގޮނޑި އެއީ ހަމްދު ސަނާޔަށްފަހު ފުރަތަމަ މުހާތަބު ކުރެވޭ ފަރާތް ނޫންތޯ؟ ރަސްމީ ޓިކެޓް އެރުވީ ރައީސް ޔާމީނަށް މުޅި ރާއްޖެއިން ޕީޕީއެމްގެ މެމްބަރުން އައިސްގެން ނޫންތޯ؟ މެނިފެސްޓޯއަކީ ރައީސް ޔާމީނުގެ މެނިފެސްޓޯ ނޫންތޯ؟ ދިވެހިންގެ ރާއްޖޭގެ ޝިއާރަކީ ރައީސް ޔާމީނުގެ ޝިއާރު ނޫންތޯ؟ މި ހާގީގަތްތައް ނިކުމެ މިއަދު ދޮގު ކުރާ ބަޔަކަށް ވާގިވެރިވުން ވެގެންދާނީ ބޮޑުހަލާކަކަށް. ރައީސް ޔާމީނަށް މިމީހުން ނެތް ވަފާތެރިކަމެއް އެއްވެސް ރައްޔިތަކަށް ނުބާއްވާނެ"

ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެމަނިކުފާނު އުޅުއްވީ ޕީޕީއެމް/ޕީއެންސީގެ މެންބަރުން މަގުމަތިކޮށްލަން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށެވެ.

"އަޅުގަނޑުގެ މައްސަލަ، އަޅުގަނޑަށް ކުރިމަތި ނުލެވޭ ގޮތަށް ސުޕްރީމު ކޯޓުން ނިންމުމުގެ ކުރިން ޕީޕީއެމް/ޕީއެންސީ އިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނީ ދައްކާފައި. އެހެންވީމާ ކޮން ވާހަކައެއް މި ދައްކަނީ މަގުމަތިވާ ވާހަކަ؟." ޔާމީން ސުވާލު ކުރެއްވި އެވެ.

އިންތިހާބު ބޮއިކޮޓު ކުރަން އެމަނިކުފާނު ވިދާޅުވި ކަމަށް ބުނާއިރު، ރައީސް ޔާމީނަށް ވާދަނުކުރެވޭ އިންތިހާބެއް ބޭއްވިޔަ ނުދޭނެ ކަމަށާއި މަގުމައްޗަށް ނުކުމެ ހުއްޓުވާނެ ވާހަކަ ވެސް ލީޑަޝިޕްގެ ބޭފުޅުން ދެއްކެވި ކަމުގައި ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ އިންތިހާބު ބޮއިކޮޓު ކުރުމަށް ވިދާޅުނުވާ ކަމަށާއި ބޮއިކޮޓު ކުރުމަކީ ހަމައެކަނި ފޮނުއްވި ހިޔާލެއް ކަމަށެވެ.