އިންޑިއާ އިން ރާއްޖެ ހިފަން އުޅޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ސަންޖޭ ސުދީރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އިންޑިއާގެ ފަރާތުން ކުރިއަށް ގެންދާތީ އެކަމާ މެދުގައި ހިތްހަމަނުޖެހޭ ބަޔަކު އެބަތިބި ކަމަށެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖެ ހިފަން އުޅޭ ކަމަށް ބުނެ، އެ ފަރާތްތަކުން ދައްކަނީ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

"މި މަޝްރޫއުތައް ކުރިއަށް ގެންދާތީ ބައެއް މީހުން ވަރަށް ހިތްހަމަނުޖެހޭ. ބައެއް މީހުން ކަންބޮޑުވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވާ މަންޒަރު ފެނިފައި. އެމީހުން ކަންބޮޑުވޭ، އިންސާނީ އެހީތެރިކަން އިންޑިއާ އިން ފޯރުކޮށްދޭތީ. މި ހުރިހާ މަޝްރޫއުތައް ވަރަށް ރަނގަޅަށް މި ދަނީ،" ސަންޖޭ ސުދީރު ވިދާޅުވިއެވެ.

ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަކީ މި ސަރުކާރުގެ ސިޔާސަތަކަށް ނުވާ އިރު، ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލްކް ކުރެވޭ ގޮތަށް ކުރީގެ ސަރުކާރުގައި ގާނޫނުއަސާސީ އަށް ގެނައި އިސްލާހު އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެނައި ވަރަށް ރަނގަޅު ބަދަލެއް ކަމަށް ވިދާޅުވެ، އެއީ ރާއްޖެ ހިފެން ނެތް ސަބަބެއް ކަން ދޭހަވާ ގޮތަށް ސަފީރު ވާހަކަ ދެއްކެވިއެވެ.

ރާއްޖެ އިން މިހާރު ކަންބޮޑުވާން ޖެހޭނީ އެކި ގައުމުތަކަށް ދައްކަން ޖެހޭ ދަރަންޏާ މެދުގައި ކަމަށް ސަފީރު ވިދާޅުވިއެވެ. އޭނާ ކަންބޮޑުވުމާ އެކު ފާހަގަ ކުރެއްވީ ރާއްޖޭގެ ގާތްގަނޑަކަށް 50 އިންސައްތަ ދަރަނި އެއް ގައުމަކަށް ދައްކަން ޖެހިފައި އޮތުމެވެ. އެކަމަކު، އިންޑިއާ އިން ރާއްޖެ އަށް ދެމުން އަންނަ ލޯންތަކާ މެދުގައި ރާއްޖޭން އެއްވެސް މިންވަރަކަށް ކަންބޮޑުވާން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ އަށް ދައްކަން ޖެހޭ ދަރަންޏަކީ ދެ ފުށް ފެންނަ، ވަރަށް ލުއި ގޮތަކަށް ރާއްޖެ އަށް ދޫކުރާ ލޯންތަކެއް. އެ ލޯންތައް 20 އަހަރުން ދެއްކިދާނެ. ރާއްޖޭގައި އިންޑިއާ އިން މަޝްރޫއުތައް ހިންގަނީ ވަރަށް ބޮޑަށް ސަރުކާރާ ގުޅިގެން،" ސަންޖޭ ސުދީރު ވިދާޅުވިއެވެ.

އިންޑިއާ އިން ދާދި ފަހުން ވަނީ ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ދިނުމަށް ނިންމައިފައެވެ. އަދި މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދިނުމަށް ވެސް އިންޑިއާ އިން ނިންމިއެވެ. ބްރިޖު މަޝްރޫއު އަށް ދިން އެހީތަކުގެ ތެރޭގައި ލޯނާއި ހިލޭ އެހީ ވެސް ހިމެނެއެވެ.

ސަފީރު ވިދާޅުވި ގޮތުގައި "އިންޑިއާ މިލިޓަރީ އައުޓް" ކަމަށް ބުނެ މީސް މީޑިއާގައި ކެމްޕެއިންތައް ހިންގަމުން ދަނީ އިންޑިއާ އިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކާމިޔާބު ކަމާ އެކީގައި ނިންމާލާތީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އޮތީ އުފެދިފައެވެ. ރާއްޖެ އަށް ބޮޑެތި ލޯންތަކާއި ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އިންޑިއާ އިން ދެމުން އަންނަ އިރު، އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުގައި އިންޑިއާ އިން އުޅެނީ "ރާއްޖެ ދަރަނީގެ" ދަންތުރައެއްގައި ޖެއްސުމަށެވެ. އަދި އިންޑިއާގެ މަގްސަދަކީ ރާއްޖެ ހިފުން ކަމަށް ބުނެ، އެ ފަރާތްތަކުން ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.