މާލޭގެ މިސްކިތެއްގައި ރޭ ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ދަބަސް ވަގަށް ނެގި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ، އަލިކިލެގެފާނު މަގު ނުވަތަ ކުރީގެ ބާ އިންޖީނުގޭގެ މަގުގައި ހުންނަ ސަލާހުއްދީން މިސްކިތުގައި ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓުގައި އޮތް 700ރ. ވަގަށް ނެގި މައްސަލައެއްގެ ރިޕޯޓު ލިބުނީ ރޭ މެންދަމު ތިނެއް ޖަހާކަންހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު، ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. އެއީ އުމުރުން 36 އަހަރުގެ ދެ ފިރިހެނުންނެވެ.

އާއްމުކޮށް ކޮންމެ އަހަރެއްގެ ރޯދަމަހު މާލެ އާއި އަތޮޅު ތެރޭގައި ވައްކަމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެ އެވެ. މި ރޯދަމަހު މިސްކިތަކުން ވައްކަން ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އަމީނީ މަގުގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތުން މިއަދު ފަންކާއެއް ވަގަށް ނަގާފައި ވާއިރު، އިއްޔެ ވަނީ ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަނީ ވަގަށް ގެންގޮސްފަ އެވެ. އެ މައްސަލާގައި ވެސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް މިދިޔަ ހަފުތާގައި ވަނީ ވަގަށް ގެންގޮސްފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޯދަމަހުގެ 15 އާ ހިސާބަށް މާލެ ސަރަހައްދުން އެކަނި ވެސް ވަނީ 110 ވައްކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.