ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ތަހުގީގަށް މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މޫސާ މަރާލާފައި ވަނީ މިދިޔަ ހޯމަ ދުވަހު މާވަށު ވޮލީކޯޓު ކައިރީގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީގެންނެވެ. ވަޅިން ހަމަލާދީ މޫސާ މަރާލާފައި ވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހީމް, 29 އެވެ.

ކޯޓުގައި އަމިއްލައަށް އިއުތިރާފުވުމުން އަންގާރަ ދުވަހު މާވަށު ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މި މާރާމާރީގައި މަރުވި މޫސަގެ ހަށިގަނޑު އަންގާރަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ވަނީ މާލެ ގެނެސްފަ އެވެ. ފުލުހުން އޭނާގެ ހަށިގަނޑު ވަޅުނުލައި މާލެ ގެނައީ އިތުރު ތަހުލީލުތައް ކުރުމަށްޓަކަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ތަހުގީގު ނިންމައި މޫސާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މޫސަގެ ކަރަށް ވަޅިން ހަމަލާ ދިނުމަށް ފަހު، މުހައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. އަދި، އޭނާ މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލި ސަރަހައްދު ވެސް ފަހުން އޭނާ ވަނީ ފުލުހުންނަށް ދައްކައިފަ އެވެ. އެ ވަޅި ފުލުހުން ނެގީ ފީނައިގެން މޫދު އަޑިންނެވެ.

މި ހާދިސާގައި މަރުވި, މޫސައާއި ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ, މުހައްމަދުއަކީ ވެސް މަސްތުވާތަކެތީގެ ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުންނެވެ. އޭގެ ތެރެއިން މޫސައަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ވިއްކާ އެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށެވެ. މުހައްމަދަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށެވެ.