ރޯދަ މަލާފަތުގެ މިއަދުގެ ބައިގައި މި ގެނެސްދެނީ ތައްޔާރު ކޮށްލަން ފަސޭހަ ރަހަމީރު ބަތް ގަނޑެކެވެ. ރޯދަ ވީއްލާ ގަޑިއަށާއި ހާރުދަމަށް ވެސް ކަމުދާނެ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 1/2 ބީޓްރޫޓް (ތުނިކޮށް ކޮށާފައި)
  • 2 ޖޯޑު ބަތް ( އާދައިގެ ނުވަތަ ބާސްމަތީ)
  • 1/2 ކެރެޓް (ތުނިކޮށް ކޮށާފައި)
  • 1 ފިޔާ (ތުނިކޮށްކޮށާފައި)
  • 50 ގްރާމް ކެބެޖް (ތުނިކޮށް ކޮށާފައި)
  • 25 ގްރާމް ލީކްސް އަދި 25 ގްރާމް ކެޕްސިކަމް
  • 3 ލޮނުމެދު ( ތުނިކޮށް ކޮށާފައި)
  • ހިކަނދިފަތް ( ކުދިކޮށް ކޮށާފައި)
  • ވަޅޯމަސް (ތުނިކޮށް ކޮށާފައި)
  • ގިތެޔޮ މިރުސް ( ބޭނުން ވަރަކަށް)
  • ލޮނު (ރަހަ ލާވަރަށް)

ތައްޔާރު ކުރާނެ ގޮތް

  1. ފުރަތަމަ ތެއްޔެއްގައި ތެޔޮފޮދެއް ހޫނުކޮށް، ފިޔާކޮޅު ރަތް ކުރާށެވެ. ފިޔާތަަކަށް ރަތްކުލަ އަޅަން ފެށުމުން ހިކަނދިފަތް އަދި ލޮނުމެދު ކޮޅު އަޅާލާށެވެ.
  2. އެއަށްފަހު ކެރެޓް، ކެބެޖު ،ކެޕްސިކަމް އަދި ލީކްސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ވަޅޯވާން ފެށުމުން ބީޓްރޫޓް އަދި މަސް އަޅާ އެއްކޮށްލާށެވެ.
  3. ދެން ލޮނު ކޮޅެއް އަޅައި ކުޅި ރަހަ ލަންދެން މިރުސް އަޅާށެވެ.
  4. އެއަށްފަހު ފަހުން ބަތްކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.