ފުވައްމުލަކުގައި ލޯޑަރެއްގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުވައްމުލަކުގައި ހިނގި ނުރައްކާތެރި ދެވަނަ އެކްސިޑެންޓެވެ. އިއްޔެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ވެސް މީހަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިގެން މާލެ ގެންގޮސްފައިވެ އެވެ.

ރޭ ހިނގި އެކްސިޑެންޓްގައި ޒަޚަމްވީ 27 އަހަރުގެ ފިރިހެނަކަށެވެ.

މަންޒަރު ދުށް މީހަކު "ހުރިހާ"އަށް ބުނީ މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން މީހާއަށް ވަރަށް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"ސައިކަލާއެކު ގޮސް ޖެހުނީ ލޯޑަރުގެ ދަތްގަނޑުގައި. ސައިކަލްގެ ކުރީކޮޅު އޮތީ ޗަސްވެފައި،" އެ މީހާ ބުންޏެވެ.

ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެ ރަށު ދިގުވާޑު އަވަށު ނައިބުތުއްތު ހިނގުމުގައި ޕާކުކޮށްފައި ލޯޑަރެއްގައި ޖެހިފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 11:45 ހާއިރު ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި އަނިޔާވިއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.