މުދާ އުފުލާ ބޯޓުފަހަރު އެމްޕީއެލްގެ ބަނދަރަށް ކައިރިކޮށް މުދާ ބޭލުމުން ނަގާ ސްޓިވާޑޯރިން ފީ ޑޮލަރުން ދައްކަން މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އަންގައިފި އެވެ.
މި ފީއަކީ ކުރިން އެ ކުންފުންޏަށް ޑޮލަރުން ދައްކަމުން އައި ފީއެކެވެ. ނަމަވެސް 2011 ވަނަ އަހަރުގެ ތެރޭގައި ވަނީ މި ފީ ދިވެހި ރުފިޔާއިން ދެއްކޭ ގޮތަށް ހަމަޖައްސައިފައިވެ އެވެ.
އެމްޕީއެލްއިން ބުނީ ޝިޕިން އެޖެންޓުންނާއި ޝިޕް އޯނަރުން ދައްކަމުން އަންނަ ސްޓިވާޑޯރިން ފީ ޑޮލަރުން ނެގުމަށް ނިންމާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ފީ ވިޔަފާރިވެރިން ދައްކަނީ މުދަލަށް އޯޑަރު ކުރާއިރު މުދަލުގެ އަގާއެކު އެވެ.
މި ބަދަލާ ގުޅޭގޮތުން އެމްޕީއެލްއިން ބުނީ މި ބަދަލުގެ ސަބަބުން އެ ކުންފުނީގެ އާމްދަނީ އިތުރުވެ ރާއްޖޭގެ ބާޒާރުގައި ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަން ހައްލުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. މި ބަދަލު ގެނައުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ވެސް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރު ހިފެހެއްޓުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ބަދަލުގެ ސަބަބުން އެމްޕީއެލްގެ ޑޮލަރުގެ އާމްދަނީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން ވަނީ އަންދާޒާކޮށްފަ އެވެ.
އެ ކުންފުނިން ބުނީ އާންމު އެހެން ވިޔަފާރިތަކުން ދައްކަންޖެހޭ ފީތައް މިހާރު ވެސް ދައްކާނީ ރުފިޔާއިން ކަމަށެވެ. އިތުރު އެއްވެސް ފީއެއް ދެއްކުން ޑޮލަރަށް ބަދަލުކޮށްފައެއް ނުވެ އެވެ.
ސްޓިވާޑޯރިން ފީއަކީ މުދާ އުފުލާ ބޯޓުފަހަރު އެމްޕީއެލްގެ ބަނދަރަށް ކައިރިކޮށް މުދާ ބޭލުމުން ނަގާ ފީއެކެވެ. މި ފީނަގަނީ 20 ފޫޓުގެ ކޮންޓެއިނަރަކުން 198 ޑޮލަރުގެ މަގުންނެވެ.