އަންނަ ފިތުރު އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން ބައެއް މަންޒިލްތަކަށް ކުރާ ދަތުތުތައް އިތުރުކޮށްފި އެވެ.

ގައުމީ އެއާލައިނުން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ އެތެރޭގެ އުދުހުމުގެ ބާރުބޮޑުވުމުން މިމަހުގެ 11 އަދި 12 ވަނަ ދުވަހު ބައެއް މަންޒިލްތަކަށް އިތުރު ދަތުރުތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 11 ވަނަ ދުވަހު އިފުރު އެއާޕޯޓަށް އިތުރު ދަތުރެއް ކުރުމަށް ހަމަޖައްސާފައިވެ އެވެ. މި ދަތުރު ކުރާނީ މާލެއިން އިފުރަށް އައި އިފުރުން މާލެއަށެވެ.

އޭގެ އިތުރުން މިމަހުގެ 12 ވަނަ ދުވަހު މާލެއިން ހަނިމާދޫއަށް އަދި ހަނިމާދޫއިން މާލެއަށް އިތުރު ދަތުރެއް ބާއްވާއިރު ހަމަ އެދުވަހު ކުޅުދުއްފުށި އެއާޕޯޓަށް ވެސް އިތުރު ދަތުރެއް ކުރުމަށް މޯލްޑިވިއަނުން މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ. އަދި 12 ވަނަ ދުވަހު މާފަރަށާއި މަޑިވަރަށް ވެސް އިތުރު ދަތުރެއް މޯލްޑިވިއަނުން ވަނީ ޝެޑިއުލްކޮށްފަ އެވެ. މި ދަތުރު އޮންނާނީ މާލެއިން މާފަރަށް، މާފަރުން މަޑިވަރަށް އަދި މަޑިވަރުން މާލެއަށް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

ސްކޫލް ބަންދު ދުވަސްވަރަށް ވުމާއެކު އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ކޮންމެ ބަންދަކާ ދިމާކޮށް ވެސް ޑިމާންޑް އިތުރުވާ ސަރަހައްދުތަކަށް މޯލްޑިވިއަނުން އިތުރު ދަތުރުތައް ކުރެ އެވެ.