އިންޑިއާއަށް ފުރުއްސާރަކުރި މައްސަލައެއްގައި ސަސްޕެންޝަނުގައި ހުންނެވި ޔޫތު މިނިސްޓަރުގެ ނައިބު މަރިޔަމް ޝިއުނާ އަނެއްކާ ވެސް، އިންޑިއާއަށް ފުރުއްސާރަކުރި މައްސަލައެއް ފެންމަތިވެ، ހޫނުފެނަށް ވެއްޓުމުން މައާފަށް އެދިވަޑައިގެންފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާއަށް އިހާނެތި ބަސް ބުނެ، މަލާމާތްކުރި މައްސަލާގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭ ސަސްޕެންޑްކުރި ތިން ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި ޝިއުނާ ވެސް ހިމެނެ އެވެ. މި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވެ، ހާރިޖީ ގުޅުމަށް އަސަރުކުރާ ހިސާބަށް ކަންކަން ދިޔަ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝިއުނާ މުސާރަ ލިބޭ ގޮތަށް ސަސްޕެންޑުކުރީ ދައުލަތް ތަމްސީލުކުރާ އިސް މަގާމެއްގައި ހުރެ އެހެން ގައުމަކަށް ބަދު ބަސްބުނުން ކުށްވެރިކޮށް، މަގާމުން ވަކިކުރަން ގިނަ ބަޔަކު ގޮވާލަން ފެށުމުންނެވެ.
މިފަހަރު ވެސް ފެންމަތިވެގެން އުޅެނީ، އިންޑިއާގެ ގައުމީ ދިދަ އަދި އެގަމުގެ ސަރުކާރު ނިސްބަތްވާ ޕާޓީގެ ދިދައިގެ ލޯގޯ ހިމެނޭ ޕޯސްޓެއް ޝެއާކޮށް އެމްޑީޕީއާ ގުޅުވާ ފުރުއްސާރަކުރި މައްސަލައެކެވެ. މިދިޔަ ހޮނިހިރު ދުވަހު ޝިއުނާގެ އެކްސްގައި އެ ޕޯސްޓްކޮށްފައިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ގެންގުޅޭ ޝިއާރު "މިސްރާބު ހަމަ މަގަށް" ފާޑުކިޔަ އެވެ.
އެ މައްސަލަ ހޫނުވުމުން މާފަށް އެދި ޝިއުނާ އެކްސްގައި ކުރި ޕޯސްޓުގައި ވަނީ އެ ޕޯސްޓުގައިވާ ކޮންޓެންޓު އޮޅުނު އަދި އޭގެ ސަބަބުން ނުރުހުނު މީހުންގެ ސަބަބުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި އިންޑިއާގެ ދިދަޔާ އެއްގޮތް ޑިޒައިނެއް ބޭނުންކުރެވުނީ 'އޮޅުމަކުން' ކަމަށާއި އެއްވެސް ވަރަކަށް އިންޑިއާއަށް މަލާމާތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް އޭނާގެ ޕޯސްޓުގައިވެ އެވެ.
އިންޑިއާގެ ދިދަޔަށް މަލާމާތް ކުރި ޕޯސްޓު ޝިއުނާ ހިއްސާކުރީ ހޮނިހިރު ދުވަހުގެ ރޭ 11:37 ގަ އެވެ. އޭނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައިވާ ފޮޓޯގައި އެމްޑީޕީގެ ކެމްޕޭން ސްލޯގަން "މިސްރާބު ހަމަމަގަށް" ގެ ބަދަލުގައި ޖަހާފައިވަނީ "މިސްރާބު އަނގަވަތަށް" މިހެންނެވެ. އަދި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ލޯގޯ ވެސް ހިމަނާފައިވެ އެވެ.
މިި ޕޯސްޓަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ޝިއުނާ ވަނީ އޭނާގެ ޕޯސްޓު ޑިލީޓުކޮށް، އެކްސް އެކައުންޓުގެ މައުލޫމާތު ބައިން "ޑެޕިއުޓީ މިނިސްޓަރު" އުނިކޮށްފަ އެވެ.
ކުރިން ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރަކަށް އުޅުނު ރައީސް މުހައްމަދު މުއިއްޒުގެ އަރިސް ޝިއުނާ އަންނަނީ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވެސް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް، ހުތުރު އެއްޗެތި ގޮވަމުންނެވެ.
އަނގަ ދިޔާ ވެގެން އުޅޭ އަންހެނެއްހެން ހީވާން ފަށައިފި.