ދިރާގުން މި އަހަރުގެ ފިތުރު އީދުގައި ވެސް އެކުންފުނީގެ "ދިރާގު އީދު ބޯކިބާ" ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ އިއުލާންކޮށްފި އެވެ.

ދިރާގުން ބުނީ މިއީ މި އަހަރުގެ ފިތުރު އީދުގެ ހަރަކާތްތައް ފަށައި، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށްވާ އީދު ނަމާދަށް ފަހު އީދު ބޯކިބާ ކެއުމުގެ އާދަ ފާހަގަކުރުމުގެ ގޮތުން އިންތިޒާމްކޮށްގެން ބާއްވާ ހަރާކާތެއް ކަމަށެވެ. އަދި މިއީ މި ހަރަކާތް ދިރާގުން ބާއްވާ ތިންވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް އީދު ނަމާދަށްފަހު އާންމުންނަށް ހާއްސަކޮށްގެން ބާއްވާ "ދިރާގު އީދު ބޯކިބާ" ނާސްތާ ބޭއްވުމަށް އެކުންފުނިން ހަމަޖައްސާފައިވާ ކަމަށެވެ.

"ދިރާގު އީދު ބޯކިބާ" ހަރަކާތް ކުރިއަށް ދާނީ އީދު ނަމާދަށް ފަހު ހެނދުނު 7:30 ގައި:

  • އާޓިފިޝަލް ބީޗް، މާލެ
  • ސިންތެޓިކް ޓްރެކް، ހުޅުމާލެ

ދިރާގުގެ މެނޭޖަ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ އަނެއްކާ ވެސް "ދިރާގު އީދު ބޯކިބާ" އާންމުންނާ ހަމައަށް ގެނެސްދީ، ހުރިހާ ފަރާތްތަކާ އެކު މި އުފާވެރި އީދު ދުވަސް ފާހަގަކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައަށް ސަޕޯޓް ފޯރުކޮށްދެވޭނެ އެކި އެކި ގޮތްތައް. އެގޮތުން ހާއްސަކޮށް ފިތުރު އީދު ފަދަ އުފާވެރި މުނާސަބަތެއްގައި މުޖުތަމައުގެ އެކި ފަރާތްތަކަށް ހެޔޮ ހިތުން ކަމެއް ކޮށްދެވުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނާޔާ ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައު ތެރޭގައި އެއްބައިވަންތަކަމުގަ ރޫހު އާލާކޮށްދޭ ފަދަ ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށެވެ.