މި އީދުގައި ޝާހްރުކް ޚާންއާއި ސަލްމާން ޚާންގެ ފެނިލުމަކަށް ކެތްމަދުވެފައި ތިބި އެމީހުންގެ ސަޕޯޓަރުންނަށް އެ ދެމީހުން ހާއްސަ ހަދިޔާއެއް ދީފި އެވެ.

އެގޮތުން އެ ދެމީހުން ވެސް ވަނީ އީދުގައި އެމީހުން ދިރިއުޅެމުން އަންނަ ގޭދޮށަށް އެއްވެ ތިބި އެތައް ހާސް ބަޔަކާ ބައްދަލުކޮށް އީދުގެ ވެދުން ކޮށްފަ އެވެ.

އެގޮތުން ސަލްމާންއާއި އޭނާގެ ބައްޕަ އެކުގައި އެމީހުން ދިރިއުޅޭ ގޭގެ ބެލްކަންޏަށް ނުކުމެ އާއްމުންނަށް ހަނާއެޅި އިރު ޝާހްރުކް ޚާން ވަނީ އޭނާގެ ގެ މަންނަތުގެ ޓެރަހަށް އަރައި އާއްމުންނާ ސަލާމް ކޮށްފަ އެވެ.

އާއްމުކޮށް އީދުގެ މުނާސަބަތަކީ ސަލްމާން ޚާންގެ ފިލްމެއް ސިނަމާތަކުގައި އަޅުވާ ދުވަސްވަރެއް ނަމަވެސް މިއަހަރު އޭނާގެ ފިލްމެއް ނެތުމުން ސިނަމާތައް ފަޅުވެފައިވާ ކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.

އޭގެ ބަދަލުގައި ސަލްމާން ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު" އަންނަ އަހަރުގެ އީދުގައި ރިލީޒް ކުރާނެކަން އިއުލާން ކޮށްފަ އެވެ.

ހާއްސަ ދުވަސްތަކުގައި ޝާހްރުކްއާއި ސަލްމާންގެ ގޭދޮށަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު އެއްވެ އެވެ. އީދާއި ދިވާލީ އަދި އެތަރިންގެ އުފަން ދުވަހު އެވެ. އެއިން ކޮންމެ ދުވަހަކު ވެސް އެ ތަރިން ސަޕޯޓަރުންނަށް ފެނިލައި ސަލާމްކުރެ އެވެ.