ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެޖޯރިޓީ މިއަދު އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ނުނިންމާ ލަސް ކުރަނީ މި ސަރުކާރުގެ ވެރިން ނުފޫޒު ފޯރުވައިގެން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ކ. ހިންމަފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ޖަމީލް ވިދާޅުވީ ޖޭއެސްސީ އޮތީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އަތުގައި ނޫން ކަމަށެވެ. ފަނޑިޔާރުގެ ބަލަހައްޓާ ކޮމިޓީގައި މިއަދު ރައީސް މުއިއްޒުގެ ބޭފުޅުން ތިއްބެވި ކަމުގައި އޭނާ ވިދާޅުވި އެވެ.

"ރައީސް މުއިއްޒުގެ ރުހުން ނެތް ބަންޑާރަ ނައިބު އެބަ ހުންނެވި. ރައީސް މުއިއްޒަށް ވަފާތެރި ބޭފުޅުން އެބަތިއްބެވި. މެޖޯރިޓީ މިއަދު އޮތީ މުއިއްޒު އަތްޕުޅުގައި،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިނުގަންނަވަނީ ރައީސް މުއިއްޒު އެ ފުރުސަތު ނުދެއްވާތީ އެވެ. އަދި މަޖިލިސް އިންތިހާބު ނިމެންދެން ޔާމީން ހުންނަވަން ވާނީ ބަންދުގައި ކަމަށް ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ހައި ކޯޓުގައި އޮތް ޔާމީންގެ މައްސަލަ އަވަސް ކުރުމަށް ރައީސް މުއިއްޒު އެންމެ ސިޓީފުޅެއް ވެސް ޖޭއެސްސީ އަށް ފޮނުއްވާފައި ނުވާ ކަމަށެވެ. ރައީސް މުއިއްޒު ސިޓީ ފޮނުއްވައި މައްސަލަ އަވަސް ކުރުމުގެ ބަދަލުގައި އެމަނިކުފާނު ކުރައްވާ ކަމަކީ ނުފޫޒު ފޯރުވައިގެން މައްސަލަ ހިނގިޔަ ނުދިނުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ މައްސަލަގާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ޔާމީންއަށް ލުއި ދީ، ގެއަށް ބަދަލުކުރީ ކުރީ ސަރުކާރަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ގޮތް ހުސްވުމުންނެވެ. މި ސަރުކާރުން ރައީސް ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.