އެމްޑީޕީއަށް ތާއީދުކުރާ ރައްޔިތުންނަކީ ދައްކާހާ ބިރަކަށް ސިހޭނެ ބައެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އަރްޑީސީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ބިރުދެއްކި ވާހަކަ މީހަކު ކިޔައިދޭ ވީޑިއޯއަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީ އަށް ތާއީދުކުރާ ރައްޔިތުންނަކީ ދައްކާހާ ބިރަކަށް ސިހޭނެ ބައެއް ނޫންކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިނުލައްވާތީ ހިތާމަކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ހޯދައިދިން މިނިވަންކަމަކީ ބިރު ފަހަނައަޅާ ގޮސް ހޯދި މިނިވަންކަމެެއް ކަމަށެވެ. އަދި ސަރުކާރުން ވަޒީފާ ހަތިޔާރަކަށް ހަދައި ބިރުދެއްކުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ވިހި ވަނަ ރައޔްިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެނަމަ ސިޔާސީ މަގްސަދަށް ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅައި ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދީފައިވާފަދަ ގާނޫނީ ރައްކާތެރިކަން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ކަށަވަރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ،

މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުން އިތުރުވެފައިވާ ކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މި އިންތިހާބާ ދިމާކޮށް ސަރުކާރު ބައެއް ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ.