ޕީޕީއެމް އާއި ޕީއެންސީ ދޫކޮށްލައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން މަސައްކަތް ކުރެއްވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް) ރަޖިސްޓްރީކޮށް ދީފި އެވެ.

ޕީއެންއެފް ރަޖިސްޓްރީކޮށް ދިން ކަމުގެ ލިޔުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއާ ހަވާލު ކުރީ މިއަދެވެ. ޕީއެންއެފްގެ މަސްއޫލުވެރިއަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ހަމަވުމާ އެކުގައި އިލެކްޝަންސް ކޮމިޝަންގެ އެންގުމާ އެއްގޮތަށް އެ ޕާޓީގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރެވެ. އެއީ ޖަލްސާ ބާއްވަން ފުރަތަމަ ޣިޔާސުއްދީން ސްކޫލްގައި މަސައްކަތް ކުރުމުން ދައުލަތުގެ ބައެއް އިދާރާތަކުން އެކަމަށް ހުރަސް އެޅުމުންނެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި އެ ޕާޓީގެ ވަގުތީ ލީޑާޝިޕާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ ބެހޭ ކަންކަން ފާސް ކުރި އެވެ. އެ ޖަލްސާ ބޭއްވީ އިލެކްޝަންސް ކޮމިޝަންގެ ކޮމިޝަންގެ ބެލުމުގެ ދަށުން 300 މެމްބަރުން ހަމަކޮށްގެންނެވެ.

ޕީއެންއެފް އުފެއްދުމަށް އީސީ އަށް ހުށަހެޅުއްވި އިރު، ޔާމީން ހުންނެވީ ޖަލު ހުކުމެއްގައެވެ. އެހެންވެ، ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިނުގެންނެވި އެވެ.

އޭރުގައި ޔާމީންގެ މައްޗަށް އޮތީ މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. ކްރިމިނަލް ކޯޓުން ނޮވެމްބަރު 2022، ގައި ޔާމީން ޖަލަށްލާން ހުކުމް ކުރި ނަމަވެސް ދާދި ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފަ އެވެ.

ޔާމީންގެ ފަރާތްޕުޅުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވީ އެމަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ މިނިސްޓަރު މަލީހް ޖަމާލެވެ.

ޔާމީން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމުން ވަކިވެވަޑައިގެން ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.