ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ފައިދާއެއް ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ އާ އަޅާބަލާއިރު 5.7 ޕަސެންޓް އިތުރު އަދަދެކެވެ.

މި ކުއާޓާގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ލިބިފައިވާއިރު، ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި ކުއާޓަގައި 967 މިލިއަން ރުފިޔާގެ އާ ލޯނު ވަނީ ދޫކޮށްފަ އެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފަ އެވެ. މި ކުއާޓަ ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 46.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތާއި މުޖުތަމައަށް އިންވެސްޓް ކުރުމަށް ބޭންކުން ހިންގާ ޕްރޮގްރާމްތައް ވަނީ މި ކުއާޓާގައި ވެސް ހިންގާފައެވެ. އަދި މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 2، ކ. ގުޅި އަދި ވ. ކެޔޮދޫގައި ވަނީ ސެލްފް ސަވިސް ބޭންކިން ހިދުމަތް ފަށާފަ އެވެ. މި އަހަރުގެ ޖަނަވަރީ މަހު ބޭންކުން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށް 2.5 ޕަސެންޓަށް ކުޑަކޮށްފަ އެވެ.

މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މި އަހަރު ފެށިފައި މިވަނީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށެވެ.

"އިގްތިސާދީ މާހައުލު ދަށަށް ދިޔަ ނަމަވެސް އަޅުގަނޑުމެންނަށް ވިޔަފާރީގައި ހަލުވި ދުވެލި ދަމަހައްޓައި، ސާފު ފައިދާގެ ގޮތުގައި މިވަނީ 493 މިލިއަން ރުފިޔާ ލިބިފައި. އަޅުގަނޑުމެންގެ ސްޓްރެޓެޖީއާ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާސަނަލް ލޯނާއި ފައިނޭންސިން އަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިން ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. މި ފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން." އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 38 ބްރާންޗާއި ސަވިސް ސެންޓަރު، 86 ސެލްފްސަވިސް ބޭންކިން ސެންޓަރު، 142 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.