ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އަށް އަމާޒުކޮށް އޭނާ ދިރިއުޅޭ ގެއަށް ބަޑިން ހަމަލާތަކެއް ދިން މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޖަލުގައި މަރުވެއްޖެ އެވެ.

ސަލްމާން ދިރިއުޅޭ ގެއަށް ބަޑިން ހަމަލާދިން މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެތަނުން އެކަކު މަރުވީ ޖަލުގައި އަމިއްލައަށް މަރުވާން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 32 އަހަރުގެ އަނޫޖް ތަޕަނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވާން މައްސަކަތްކުރީ ބަންދުކޮށްފައި ހުރި ގޮޅީގެ ފާހާނާ ތެރޭގައި ބެޑްޝީޓަކުން ދަންޖެހިގެން ކަމަށެވެ. ފުލުހުންނަށް މިކަން އެނގުމާ އެކީ އޭނަ ސަލާމަތްކޮށް ވަގުތުން ހޮސްޕިޓަަލަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. އަނޫޖް މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ސަލްމާންގެ ގެއަށް ބަޑިން ހަމަލާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރީ އަނޫޖް އިތުރުން ސާގަރް ޕަލް ކިޔާ މީހެކެވެ. އެ ދެ މީހުން ހައްޔަރުކުރީ ހަމަލާ ދީފައި ފިލައިގެން ގުޖުރާތަށް ގޮސްފައި ވަނިކޮށް އެ ސްޓޭޓްގެ ބޫޖް އިންނެވެ.

މުމްބާއީގައި ހުންނަ ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓަށް ދިން ހަމަލާއާ ގުޅިގެން އެ ގެ އާއި ސަލްމާންގެ ސެކިއުރިޓީ ވަރަށް ބޮޑަށް މުބާމްއީގެ ފުހުން ވަރުގަދަކޮށްފައިވެ އެވެ.

ސަލްމާން ޚާން ވަނީ 2024 ވަނަ އަހަރު ފޯބްސް މެގަޒިންގެ ފަރާތުން ދުނިޔޭގެ ނުވަ ވަނަ އަށް އެންމެ މުސާރަ ބޮޑު ތަރިއެއްގެ ގޮތުގައި ހޮވައި، 71 ވަނައަށް އެންމެ އާމްދަނީ ބޮޑު ތަރީގެ މަގާމުގައި ވެސް ހިމަނައިފަ އެވެ. އޭނާގެ މާލިއްޔަތުގައި ހުރި ފައިސާގެ އަދަދު، 2024 ގެ ނިޔަލަށް 347 މިލިއަން ޑޮލަރަށްވުރެ އިތުރުވާކަމަށް ބެލެވެ އެވެ.