މާލޭ މަގުމައްޗަށް ކުނިއަޅާ ބިދޭސީއަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި ފުލުހުން ދަނީ އިމިގްރޭޝަނާ ގުޅިގެން އޭނާ ޑީޕޯޓުކޮށްލުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މޭޔަރު އާޒިމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާ ހަވާލުކުރެވިފައި ކަމަށެވެ. އަދި ފުލުހުން ދަނީ އިމިގްރޭޝަނާ ގުޅިގެން އޭނާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ބިދޭސީ މީހާގެ ފޮޓޯވެސް އާންމުކޮށްފަ އެވެ.
ސިޓީ ކައުންސިލުން ވަނީ މަގުތަކަށް ކުނި އަޅާ މީހުން ފެންނަ ވީޑިއޯތައް އެކި ފަހަރު މަތިން ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ވީޑިއޯތަކުން ގިނައިން ފެންނަނީ ބިދޭސީންނެވެ. އަދި މަގުތަކަށް ކުނި އަޅާ މީހުން ހޯދައި ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ތަކުރާރު ކޮށް ކުނިއަޅާ މަގުތަކެއް ފާހަގަކޮށް އެސަރަހައްދުތަކަށް ކުނިއަޅާތަން ފެންނަ ނަމަ ފޮޓޯ ނަގާ އެ ކައުންސިލަށް އެންގުމަށް އާންމުންގެ ކިބައިން އެދިފަ އެވެ. އަދި އެގޮތަށް އާންމުކޮށް ކުނިއަޅާ މަގުތައް އިއުލާން ކުރި އިރު ޖުމްލަ 10 ސަރަހައްދެއް ސިޓީ ކައުންސިލުން ފާހަގަ ކުރި އެވެ.