ސިކުންތަކު 100 ޖީބީގެ ކަނެކްޝަންއަކާއެކު ދުނިޔޭގެ އެންމެ ފުރަތަމަ 6ޖީ ޓެކްނޮލޮޖީ ޖަޕާނުގެ ކުންފުނިތަކެއް ގުޅިގެން އުފައްދައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ކުންފުނިތަކުން އުފެއްދި އެ ވަޔަލެސް ޑިވައިސްގެ ކަނެކްޝަންއަކީ 5ޖީ އަށްވުރެ 20 ގުނަ ސްޕީޑް ބާރު ކަނެކްޝަން އެކެވެ.

2021 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ ހަތަރު ކުންފުންޏަކުން 6ޖީ ހިދުމަތް ތައާރަފް ކުރުމުގެ ދިރާސާތައް ފަށާފައިވާއިރު އެކަމުގައި ހަގީގީ ކުލަ ޖެހިފައިވަނީ 2024 ވަނަ އަހަރު އެވެ.

އެހެން ނަމަވެސް މި ޓެކްނޮލޮޖީ ބާޒާރަށް ނެރެ އާއްމުކޮށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެކަންކަމަށް ވަގުތު ނަގާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކުރުމަށްޓަކައި ޕްރޮޖެކްޓްގައި ބައިވެރިވި ހަތަރު ކުންފުނިން ވެސް ބޮޑު ހަރަދެއް ކޮށްފައިވާއިރު ދިގު މުއްދަތުގައި މިއީ އެ ކުންފުނިތަކަށް ފައިދާކުރާނެ ކަމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.