ނަގުދު ފައިސާގެ ގޮތުގައި 10،000 އަށް ވުރެ ގިނަ ޑޮލަރު ރާއްޖެ އިން ބޭރަށް ގެންދާ ނަމަ، އެ ފައިސާ ހިފަހައްޓައި އެއީ ކޮން ގޮތަކަށް ހޯދި ފައިސާއެއްތޯ ސުވާލު ކުރެވޭ ގޮތަށް ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ހަރުކަށިކޮށްފި އެވެ.
ހޯމް މިނިސްޓްރީ އާއި ކަސްޓަމްސް އާއި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ނެޝަނަލް ޑްރަގް އެޖެންސީ ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މީގެކުރިން ނަމަ، 10،000 އަށް ވުރެ ގިނަ ޑޮލަރު ހިފައިގެންދާ މީހާއާ ސުވާލު ކުރުމެއް ނޯންނަ ކަމަށާއި ސުވާލު ކުރުމެއް ނެތި ފައިސާ ޑިކްލެއާ ކުރާ ކަމަށެވެ.
ގިނަ އަދަދެއްގެ ފައިސާ ގައުމުން ބޭރަށް ގެންދާ ހާލަތްތަކުގައި އަމަލު ކުރާނެ ވަކި މިންގަނޑުތަކެއް ބައިނަލްއަގުވާމީ އިދާރާތަކުން ކަނޑައަޅާފައިވާ އިރު، ރާއްޖެ އިން ވެސް އެކަމަށް އަމަލު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެކުރިން 10،000 ޑޮލަރަށް ވުރެ މަތިން ހިފައިގެންދާ މީހާ ތިމަންނާ މި ދަނީ މިވެނި އަދަދަކަށް ފައިސާ ހިފައިގެންނޭ ބުނެ ހަމަ ދާންވީ. އެ ޑިކްލިއާ ކުރެވުނީ. ބައިނަލްއަގްވާމީ އިދާރާތަކުގައި މިކަމަށް މިންގަނޑުތަކެއް އޮވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު ބައެއް ބިދޭސީން ރާއްޖެއަށް ލޭބަރެއްގެ ގޮތުގައި އެތެރެވެ، އޭނާ ހަފުތާއަކު އެއް ފަހަރު ރާއްޖެ އިން ބޭރަށް އެތައް ލައްކަ ޑޮލަރު ހިފައިގެންދާ ކަމަށެވެ. މިހާރު އެގޮތަށް ބިދޭސީންނާއި ދިވެހިންނަށް ވެސް ނުދެވޭނެ ކަމުގައި އިހުސާނ ވިދާޅުވި އެވެ.
"ދިވެއްސަކު ވިޔަސް، ބޭރު މީހަކު ވިޔަސް ރާއްޖެއިން ބޭރަށް، 10،000 ޑޮލަރަށްވުރެ މަތިން ޑޮލަރު ހިފައިގެން ދާ ކަމަށް ވެއްޖެއްޔާ، ދިވެހި ފައިސާ ވިޔަސް، ބޭރު ފައިސާ ވިޔަސް ގެންދާއިރުގައި އެ ހިފަހައްޓައިފައި ރަނގަޅަށް ޑިކްލިއާ ކުރުން، މާނައަކީ އެއީ ކޮންތާކުން ކިހިނެއް ލިބުނު އެއްޗެއްތޯ ގާނޫނީ އިމުގެ ތެރެއިން ބަލާއިރު އެއީ ހަމަޖެހޭ ޖެހޭ ވާހަކައެއްތޯ އެ މީހާ އެ ދައްކަނީ ބަލައިފައި އެ ޑިކްލެރޭޝަން ނިމުނީމަ ނޫނިއްޔާ ނޫނީ އަޅުގަނޑުމެން އެ ފައިސާ ދުލެއް ނުކުރަން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގައި ސޭލްސް އެސިސްޓަންޓް، ކެފޭ/ރެސްޓޯރަންޓް ވެއިޓަރުން، ކައްކާއިން، ނުވަތަ ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން މީގެކުރިން އެތައް ލައްކަ ޑޮލަރެއް ރާއްޖެ އިން ބޭރަށް ގެންދާ ކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި، މިގޮތަށް އުސޫލުތައް ހަރުކަށި ކުރުމުން ބޮޑު އަދަދުން ފައިސާ ރާއްޖެއިން ބޭރުކުރުން ހުއްޓޭނެ އެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އިބްރާހިމް މަފާޒް ވިދާޅުވީ ރާއްޖެ އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓް ކުރުމުގެ ގަވައިދު އޮތް ގޮތުން ގަވައިދާ ހިލާފަށް ފައިސާ ބޭރު ކުރާ ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅެ ކަމަށެވެ.
ގަވާއިދާ ހިލާފަށް ބޭރުކުރާ ފައިސާގެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ޖިނާއީ ތަހުގީގެއް ކުރިއަށް ގެންގޮސް ދައުވާ ކުރުމުން ގިނަ ފަހަރު އެ މައްސަލަތައް ސާބިތު ވެސް ނުވާ ކަމަށް މަފާޒް ވިދާޅުވި އެވެ.
"ގިނަ ފަހަރު މިހެން ކުރާ ދައުވާ ސާބިތެއް ނުވޭ. މައްސަލަ ކޯޓުގައި ދިގުލައިގެން ގޮސް އެތައް ދުވަހެއް އެބަދޭ މިކަމުގަ. ބައެއް ފަހަރު ފައިސާ އަނބުރާ ހަވާލު ވެސް ކުރަން އެބަޖެހޭ." މަފާޒް ވިދާޅުވި އެވެ.