ރާއްޖެ އާ އެކުގައި އޮތް ގުޅުން ބަދަހި ކުރާނެ ކަމުގެ ޔަގީންކަން ގަތަރުން މިއަދު ދީފި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ގަތަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އޭނާ ވަނީ ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިހު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީއާ ބައްދަލު ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލު ކުރެއްވުމުގައި ޒަމީރު ދެއްކެވި ވާހަކައިގައި ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ގަތަރުން ވަމުން އަންނަ އެހީތެރިކަމަށް ޝުކުރު ދެންނެވި ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ޒަމީރު ވަނީ ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސުލްހަ ގާއިމުކުރަން ގަތަރުން އަދާކުރާ ދައުރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޒަމީރުގެ އަރިހުގައި ބައިލެޓަރަލް ސެކްރެޓަރީ، ޑޮކްޓަރ ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ .ފަޒީލް ނަޖީބުގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ އާއި ގަތަރުން ސިޔާސީ ގުޅުން ގާއިމްކުރިތާ މި އަހަރު 40 އަހަރު ފުރޭނެ އެވެ.