އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާނީ މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އޭނާ ބައްދަލު ކުރައްވާނެ އެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާވެސް ބައްދަލު ކުރައްވާނެ އެވެ.

ހަމައެހެންމެ ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު އަދި ޕްލޭނިން މިނިސްޓަރާއެކު ޖޮއިންޓް މީޓިންގއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މި ދަތުރުގައި އިންޑިއާ އާއި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށާއި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރަން ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވެސް ބުންޏެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ރާއްޖެ ކުރައްވާ ދެވަނަ ދަތުރުފުޅެވެ.