ހަތަރު މީހުންނާއެކު ގެއްލުނު މެދުފުށި ރިސޯޓުގެ ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން މިރޭ ބުނެފި އެވެ.
ގެއްލިގެން ހޯދަނީ ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރި، “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން 6240 ސްކެއާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން އިއްޔެ ވަނީ އެ ދޯނި ހޯދުމަށް ވައިގެމަގުން، މ. އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ބަލައިފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދޯނިން ދަތުރުކުރީ ބަނގްލަދޭޝް ތިން މީހުންނާއި ދިވެއްސަކު ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ އިއްޔެ ހެނދުނު 6:00 ހާއިރު ކ. ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ ހަވީރު 5:20 ހާއިރު ކަމަށެވެ. އަދި ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީގެ އިތުރުން މޯލްޑިވިއަން ފްލައިޓެއްގެ އެހީގައި ވައިގެމަގުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.
މީގެ ކުރިން ގެއްލުނު ދޯންޏެއް ހޯދީ އެމްއެންޑީއެފް ޑްރޯން ބޭނުންކޮށްގެންނެވެ. މިފަހަރު ގެއްލުނު ދޯނި ހޯދަން ޑްރޯން ބޭނުންކުރާ ކަމަށް އެމްއެންޑީއެފް އިން ނުބުނެ އެވެ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ވެސް އެމްއެންޑީއެފް އިން އެއްވެސް ޖަވާބެއް އަދި ނުދެ އެވެ.
ހުޅަނގު މޫސުން ފެށިފައިވާތީ މިދުވަސްވަރަކީ ރާއްޖެއަށް މޫސޫން ގޯސް، ވައިގަދަ އަދި ކަނޑު ގަދަ ދުވަސްތަކަކަށް ވާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.