މޫސުން ގޯސްވެ، ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އޮރެންޖް އިންޒާރު ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދަށް ހަވީރު 5:30 އިން ރޭގަނޑު 8:30 އާ ހަމައަށް އޮރެންޖް އިންޒާރު ވެސް ނެރެފަ އެވެ.
އެ އިދާރާއިން ބުނިގޮތުގައި ގަޑިއަކު 36 މޭލާއި 42 މޭލާ ދެމެދު ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެދު ރާއްޖެތެރޭގައި، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުމާބެހޭ އިދާރާއިން ބުނިގޮތުގައި މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެކުނުގެ ރަށްތަކަށް ކަނޑު މަޑުވެ މޫސުން މިހާރަށް ވުރެ ރަނގަޅުވާނެ އެވެ.