ސީނިއާ ޑެޕިއުޓީއަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ޝުޖާއު

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހަމަޖެއްސެވުމަށް ނިންމަވައިފި އެވެ.

ވިހި ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ޕީއެންސީގެ އިންތިޚާބީ މެންބަރުންނާ އެކު މިއަދު މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ މަޖިލީހުގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް އަދި ޕާލިމަންޓަރީ ގުރޫޕުގެ އިސް މަގާމުތަކަށް އިންތިހާބުކުރަން ރައީސަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ހިއްސާކުރައްވައިފަ އެވެ

އެގޮތުން ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު ވަނީ ހުށައަޅުއްވާފަ އެވެ. ފަލާހު ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފަ އެވެ.

ޕީއެންސީގެ ސީނިއާ ނައިބު ލީޑަރު ކަމަށް އަދި އިތުރު ތިން ޑެޕިއުޓީ ލީޑަރު ކަމަށް ވެސް މިއަދު ވަނީ ނަންތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ސީނިއާ ނައިބު ލީޑަރަކަށް ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ނަމެވެ. އިތުރު ތިން ނައިބު ލީޑަރުންނަކީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ.

ނައިބު ލީޑަރުންގެ ތެރެއިން ޝުޖާއު، ޝާހިދު، އަދި މުހައްމަދު އިސްމާއީލް ވަނީ 18 ވަނަ މަޖިލީހުގައި މެންބަރުކަން ކުރައްވައިފަ އެވެ. އަދި ތޯރިގު ވަނީ 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައި ވެސް މެންބަރުކަން ކުރައްވައިފަ އެވެ.

ރައީސްގެ މި ނިންމެވުމާ އެކު 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ވެވަޑައިގަންނަވާނީ ފަލާހު އެވެ. ދެން މަޖިލީހުގައި އެންމެ ގިނައިން ތިއްބަވާނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރުންނެވެ. މައިނޯރިޓީ ލީޑަރަކަށް ވެވަޑައިގަންނަވާނީ އެ މެންބަރުންގެ ތެރެއިން އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ވަޑައިގަންނަވާ މެންބަރެކެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމު އިންތިހާބު ކުރުމަށް ވެސް ރައީސް މުއިއްޒު މިއަދު ވަނީ ހުށަހަޅުއްވައިފަ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިންތިހާބު ކުރުން އޮންނާނެ އެވެ.