ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ޕީއެންސީން ނިންމައިފި އެވެ.
މުލިއާގޭގައި މިއަދު ހަވީރު 4:00 ޖެހިއިރު ބޭއްވި މިބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި ރައީސް މުހައްމަދު މުއިއްޒާއި އަލަށް އިންތިހާބުވި މަޖިލިސް މެންބަރުންނާއި މިނިސްޓަރުންނާއި ޕީއެންސީގެ އިސްވެރިން ބައިވެރިވި އެވެ.
މަޖިލީހުގެ ރައީސް ކަމަށް، ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު ނާޒިމް އިންތިހާބުކުރަން ރައީސް މުއިއްޒު މިއަދު ހުށަހަޅުއްވާފަ އެވެ.
މަޖިލީހުގެ ރިޔާސަތަށް ބޭފުޅުން އައްޔަންކުރެއްވުމުގެ އިތުރަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ މަޤާމުތަކަށްވެސް ބޭފުޅުން ހަމަޖައްސަވާފައިވެ އެވެ. ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގައި ޖުމްލަ 74 މެންބަރުން ތިއްބަވާނެ އެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ހޮވުނު އައްބާސް އަކީ ވެސް ޕީއެންސީއާ އެކު މަސައްކަތް ކުރައްވާނެ މެންބަރުންނަށް ވާތީ ސަރުކާރަށް ވަނީ މަޖިލީހުގެ ވަރަށް ސާފު އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިންތިހާބު ކުރެއްވުން އޮންނާނެ އެވެ.