ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި މީހަކު އަތުން ފޭރުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް-1 ޓަވަރު ކައިރިން މީހެއްގެ އަތުން ފައިސާތަކެއް ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބުނު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމުން އާންމުންގެ ބަޔަކު ހިފަހައްޓާފައި ތިބި މީހުންނަކީ އެހެން މީހެއްގެ އަތުން އެކި ފަހަރު މަތިން ގިނަ އަދަދަކަށް ފައިސާ ފޭރިފައިވާ ބައެއްކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދެ މީހަކާއި، 36 އަހަރުގެ މީހަކާއި، 45 ހައަރުގެ މީހެކެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިފަހުން ވަނީ ހިޔާ ފްލެޓަކަށް އޮޅުވާލައިގެން ފިރިހެނުން ގެންގޮސް ބްލެކް މެއިލްކޮށްގެން އެ މީހުންގެ އަތުން ފައިސާ ހޯދާ މައްސަލައެއް ވެސް ފެންމަތިވެފަ އެވެ.