ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޔޫއެފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް (ޔޫރޯ 2024)ގެ ހާއްސަ ކަވަރޭޖް ކަމަށްވާ "ޕީއެސްއެމް ފޯރި 2024"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

ޔޫރޯ 2024 ގެ ހުރިހާ މެޗެއް ދިވެހިރާއްޖެގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ލިބުނު ލޯކަލް މީޑިއާއަކީ ޕީއެސްއެމް އެވެ. އެގޮތުން މުބާރާތުގެ މެޗުތަށް ދެއްކުމުގެ އިތުރުން "ޕީއެސްއެމް ފޯރި 2024"ގައި މެޗް ކަވަރޭޖާއި ކޮމެންޓްރީގެ އިތުރުން އިތުރު ޚާއްސަ ސެގްމެންޓްތައް ވެސް ހިމެނޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ޕީއެސްއެމްއާ ގުޅިގެން މި އަހަރުގެ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެގޮތުން މިފަދަ ފުޓްބޯޅަ އީދަކަށް ދިވެހިން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ހުރިހާ އުމުރުފުރައެއްގެ ބެލުންތެރިންނަށް ވެސް މި ޚާއްސަ ކަވަރޭޖާ އެކު ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެކަން އެ ކުންފުނިން ޔަގީން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔޫރޯ 2024" އޮންނާނީ މިމަހުގެ 14 އިން ޖުލައި 14އަށް ޖަރުމަނުގަ އެވެ. ޔޫރޯ 2024 ގެ 51 މެޗު ވެސް ޕީއެސްއެމްގެ ޗެނަލްތައް ކަމަށްވާ ޓީވީއެމް އަދި ޔެސް ޓީވީން ދައްކަން ހަމަޖެހިފައިވެ އެވެ. އަދި މީގެ އިތުރުން ޔޫރޯގެ ފޯރި ކުޑަކުދިންގެ މުދުގައި އާލާކުރުމުގެ މަޤްސަދުގައި ހުކުރު ދުވަހުގެ ހުޅުމާލެ ސެންޓްރަލް ޕާކުގައި "ކުޑަކުދިންގެ ޔޫފޯރިއާ"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

"ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ހަރަކާތްތަކުގައި މުޖުތަމައުގައި ޝާމިލްވާ ފަރާތްތަކަށް އެއްބާރުލުން ފޯރުކޮށްދިނުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް،" އެ ކުންފުނިން ބުންޏެވެ.