މައްކާ (ޖޫން 18) - ސައުދީ އަރަބިއާގެ މާތްވެގެންވާ މައްކާގެ ބިމަށް ދަޔާޚިލާފު ހޫނުގަދަ ދުވަސްތަކަކަށް ފަހު އިއްޔެ ވަރަށް ބޯކޮށް ވާރޭ ވެހި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރި މީހުންނަށް ފިނިކަމެއް ލިބިއްޖެ އެވެ.

މި އަހަރުގެ ހައްޖު މޫސުމާ ދިމާކޮށް މައްކާ އާއި މުޒްދަލިފާ، މިނާ އަދި އަރަފާތު ބިމުގެ ހޫނުމިން ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިފަ އެވެ. ބައެއް ޚަބަރުތައް ބުނި ގޮތުގައި ހައްޖު ދުވަހު އަރަފާތު ބިމުގެ ހޫނުމިން ވަނީ 48 ޑިގްރީ ސެލްސިއަސް (120 ޑިގްރީ ފެރަންހައިޓް) އަށް އަރައިފަ އެވެ. މައްކާގެ ހޫނުމިން އިއްޔެ ވަނީ 51.8 ޑިގްރީ ސެލްސިއަސް (125 ޑިގްރީ ފެރަންހައިޓް( އަށް އަރައިފަ އެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި ހީޓް ސްޓްރޯކް ޖެހިގެން ވަނީ 19 މީހަކު މަރުވެފަ އެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވި 2،700 އަށް ވުރެ ގިނަ ހައްޖާޖީންނަށް ވަނީ ފަރުވާ ދީފަ އެވެ.

https://www.youtube.com/watch?v=V7aj_p0XsQU

ނަމަވެސް މައްކާ ހިމެނޭ ސަރަހައްދުގެ މޫސުން ކުއްލި ގޮތަކަށް ބަދަލުވުމާ އެކު ހައްޖުވެރިންނަށް ވަނީ ހިތްހަމަޖެހުމާއި ފިނިކަން ލިބިފަ އެވެ.

އާދަޔާޚިލާފަށް އިއްޔެ ހޫނުގަދަވުމުގެ ސަބަބުން ހެނދުނު 11 އިން ހަވީރު 4 އަށް، ޖަމްރާ އަށް ހިލަ އުކުމަށް ޖަމްރާ ބްރިޖަށް ހައްޖުވެރިން ނުދިއުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެހެން ނަމަވެސް ވަރަށް ގަދަ ހޫނުކަށް ފަހު ކުއްލިއަކަށް މޫސުން މިވަނީ ބަދަލުވެފަ އެވެ.

ސައުދީގެ މޫސުމާ ބެހޭ އިދާރާގެ އޮފިޝަލް ހުސައިން އަލް ގަހުތާނީ ވިދާޅުވީ މައްކާގެ އިރުމަތީގެ ސަރަހައްދުތަކުގައި އުފެދެމުންދަ ކޮންވެކްޓިވް ވިލާތަކުގެ ސަބަބުން މިއަދުގެ ވަގުތެއްގައި ވެސް މައްކާ ހިމެނޭ ސަރަހައްދަށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.