މާލެ ސަރަހައްދުގައި ކުށް ކުރުން އިތުރުވެފައި ވަނީ އެއްވެސް އުސޫލެއް ނެތި ކުރީގެ ސަރުކާރުން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާތީ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކައަކީ ހަގީގަތެއް ކަމަށެވެ.

އެގޮތުން، ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލުމުން ކަމަށް ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި އެ ކުށްވެރިން ދޫކޮށްލީ އެ މީހުންގެ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ނެތި އެވެ. އަދި ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކުރިން ރޭވުންތެރިކަމާއެކު މަސައްކަތްތައް ކުރެވިފައި ނެތުމުގެ ސަބަބުން މި މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގިނަ އަދަދެއްގެ ކުށްވެރިންނަށް މާފު ދެއްވައިފައެވެ.

އޭގެ ފަހުން މާލޭގައި ވައްކަމާއި މާރާމާރީ އާއި ފޭރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.