އެމަނިކުފާނުގެ އަނގަމަތީގައި ޓޭޕްނޭޅޭނެ ކަމަށް ވިދާޅުވެ މި ސަރުކާރުން އަމަލުކުރަމުންދާ ދޯހަޅި ކަންތައްތަކުގެ ވާހަކަތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާމަކުރައްވައިފި އެވެ.
ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ދައުލަތުގެ ބަޖެޓަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ބޮޑު އަދަދެއްގެ އާމްދަނީ އަދިވެސް ނުލިބޭ ކަމަށެވެ. އަދި އެ ފައިސާ ލިބޭނެ ގޮތެއް ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ދައުލަތަށް އާމްދަނީ ހޯދުމަށް ގިނަ ގޮތްތަކެއް ބަލައިިފި ކަމަށާއި ނަމަވެސް އެ ހުރިހާ ގޮތްތަކެއް ވެސް ފެއިލްވީ ކަމަށެވެ. އަދި މި ސަރުކާރުން އަންދާޒާކުރި ވަރަށް ފަތުރުވެރިން ވެސް ރާއްޖެއަށް ނައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށް ބުނާއިރު، ކުރީ ސަރުކާރުން ޗާޕްކޮށް އެމްއެމްއޭގައި ބަހައްޓާފައިހުރި ފައިސާ ބޭނުންކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ އިގުތިސާދު ފަންކްޝަނެއް ނުކުރޭ، އަޅުގަނޑެއް ނުބުނަން އެއީ ސަރުކާރުގެ އިހުމާލެކޭ ބުނަނީކީއެއް ނޫން، ޓޫރިޒަމް އެރައިވަލް ދައްވުމާއެކީ މި ކަންކަން އެބަހިނގާ،" ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތުން ރައްޔިތުން ބޯންޖެހޭ ހިތިބޭހަކީ ކޮބައިކަން ފިނޭންސް މިނިސްޓްރީން ހާމަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވި ވާހަކަފުޅަށް ތާއީދު ކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެކަންކަން ހާމަކުރަންޖެހޭނެ ކަމަށް ވިދާޅުވުމަށްފަހު ނާޒިމްގެ ވެސް ހިމެނިވަޑައިގަންނަވާ މާލިއްޔަތު ކޮމިޓީގައި އެކަމާ ބެހޭގޮތުން ބޭއްވި ބައްދަލުވުން ސިއްރުކުރުން ބަހާއި އަމަލު ދިމާނުވާކަން އެނގޭ ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ސިއްރުކުރަން ނުޖެހޭ ކަމަށާއި ދައުލަތަށް ނުއުފުލޭވަރުގެ ބުރައަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.