ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުނަށް ލިބޭ ހާއްސަ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލަން ޕީއެންސީގެ މަޖިލިސް މެމްބަރުން ތާއީދުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ ހާއްސަ އިންޝުއަރެންސް ކަނޑާލުމަށް ތާއީދުކޮށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު އެކެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް މުއިއްޒު ފައްޓަވާފައިވާ ގައުމީ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލައި ދިވެހި ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭ ގޮތަށް ބަދަލު ކުރައްވަން ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ.

ޝުޖާއު ވަނީ ޕީއެންސީއެން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވެސް ރާއްޖޭގެ މާލީ ހާލަތު އޮތީ ގޯސްކޮށް ކަމަށާއި ދައުލަތުގެ ހަރަދު ކުޑަކުރަން، އާސަންދަ ދޭ ގޮތާއި ސަބްސިޑީ ދޭ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޝުޖާއުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ނަމޫނާ ދެއްކުމުގެ ގޮތުން އާސިއާނުގެ ބައެއް ގައުމުތަކުން މެންބަރުންނާއި މެންބަރުންގެ އާއިލާ ބޭފުޅުންނަށް މިހާރު ހަމަޖައްސައިދޭ ހެލްތު އިންޝުއަރެންސް މެދުކަނޑައިލުމަށް ގޮވާލައްވާފަ އެވެ. އަދި އެކަމުގައި މަޖިލީހުގެ މެންބަރުންވެސް ނަމޫނާ ދައްކަވަން ޖެހޭ ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

މަޖިލީހުގެ ކޮންމެ މެންބަރަކަށް މެޑިކަލް އިންޝުއަރެންސްގެ ޕްރިމިއަމްގެ ގޮތުގައި ކަނޑައަޅާފަައި އޮންނަނީ އަހަރަކަށް 24،000 ރުފިޔާ އެވެ. އެ ފައިސާ ހަމަޖައްސަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުންނެވެ. މިހާރު މެންބަރުން ތިއްބެވި އަދަދަށް ބަލާނަމަ އެއީ އަހަރަކަށް ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ އެވެ.

މެޑިކަލް އިންޝުއަރޭންސްގެ އިތުރަށް މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް ބޮޑުކަން އާންމުން އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މެންބަރުންނަށް ލިބޭ ލިވިން އެލަވެންސާއި ކޮމިޓީ އެލަވަންސް ކަނޑާލުމަށް ވެސް ގިނަ ބަޔަކު ގޮވައިލަމުންދެ އެވެ.