މިމަހުގެ 23 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރަނިކޮށް އިންޖީނަށް ޓެކްނިކަލް މައްސަލަ ދިމާވެގެން ދަތުރުތައް މެދުކަނޑާލި މޯލްޑިވިއަންގެ އެއާބަސް މަތިންދާބޯޓުގެ މައްސަލަ ހައްލުކޮށް، އެ ބޯޓުގެ ދަތުރުތައް އަންނަ މަހު ކުރީކޮޅު ފަށާނެ ކަަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން އެ ބޯޓު އެނބުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސިއިރު 99 ފަސިންޖަރުން ތިއްބެވެ.
މޯލްޑިވިއަންގެ އިސް އޮފިޝަލަކު ވިދާޅުވީ އެއާބަސް އޭ 320 އަށް ދިމާވި މައްސަލައާ ގުޅިގެން އެކި ތަންތަންތަނުގައި ތާށިވެފައި ތިބި ފަސިންޖަރުން އުފުލުމުގެ މަސައްކަތް ކޮންމެ ދުވަހަކު އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންޑިއާގައި ތިބި ފަސިންޖަރުން އުފުލަނީ އެ ކުންފުނީގެ އޭޓީއާރު 72 މަރުކާގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޯޓަށް މައްސަލަ ދިމާވެގެން އެކި ތަންތަނުގައި ތާށިވެފައި ތިބި މީހުން މިހާރު ވަނީ ގެނެވިފައި ވަނީ. އަދި ބަންގްލަދޭޝްގައި ތިބި މީހުން ވެސް އެހެން އެއާލައިނެއް ބޭނުންކޮށްގެން ގެނައުމަށް މަސައްކަތް ކުރަމުން މިދަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެއާބަސްއަށް މައްސަލަ ދިމާވިއިރު ދަތުރުކުރަނީ:
- ސްރީލަންކާގެ ކޮލަމްބޯ
- ބަންގްލަދޭޝްގެ ޑާކާ
- އިންޑިއާގެ ބެންގަލޯ
- ކޮޗިން
- ޓްރިވެންޑްރަމް
މޯލްޑިވިއަންގެ އޮފިޝަލް ވިދާޅުވީ މައްސަލަ ދިމާވި އެއާބަސް ބޯޓު އަންނަ މަހުގެ ކުރީކޮޅު ހިދުމަތަށް ނެރޭނެ ކަމަށެވެ.
"އެއާބަސްގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރަން ވަރަށް އަވަހަށް ބޭރަށް ގެންދާނެ. މައްސަލަ ހައްލުކޮށްގެން އައުމާއެކު އަލުން ދަތުރުތައް ފަށާނެ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެ ކުންފުންޏަށް އިތުރު އެއާބަސް ބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހު އިތުރު އޭޓީއާރު ބޯޓެއް ވެސް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.