ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ދަރަންޏާ ބެހޭ ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބިލަށް ބަހުސް ކުރެއްވުމުގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީއާ ދެމެދު ހޫނު ބަހުސެއް މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިނގައިފި އެވެ.
ދަރަންޏާ ބެހޭ ބިލް މަޖިލިހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހެވެ. އޭނާގެ ވާހަކަ ފައްޓަވަމުން ވެސް ބިލުގައި އޮތް އެއްޗަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުގެ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބޮޑެތި ދަރަނިތައް ނަގައި ގައުމު އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވައްޓާލި ކަމަށެވެ.
މަމްދޫހް ވިދާޅުވީ ބައެއް ސަރުކާރުތަކުން 40 އަހަރާ ނުބައްދަލު ދަރަނި އެންމެ ފަސް އަހަރު ތެރޭގައި ނަގައި ވެރިންގެ ޖީބުތައް ފުރަމުން ދިޔަ ކަމަށެވެ. ދަރަނި މެނޭޖްކުރުމުގެ ގާނޫނެއް ގެނައުމުގެ ފުރުސަތު އެމްޑީޕީ އަށް އޮތް ނަމަވެސް އެ މަގުން ކަންކަން ކޮށްފައި ނުވާތީ މަމްދޫހް ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"ބައެއް ސަރުކާރުތަކުން 40 އަހަރާ ނުބައްދަލު ދަރަނި ފަސް އަހަރުން ނަގައި ވެރިންގެ ޖީބުތައް ފުރަމުން ދިޔައިރު މިފަދަ ގާނޫނެއް ގެނައުމުގެ ފަހި ފުރުސަތު ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް އޮވެމެ، މިފަދަ ގާނޫނީ ބާރުވެރިކަމެއް ނުގެނެސް ދައުލަތް، މުޅި ދިވެހިރާއްޖެ ހަލާކާ ދިމާލަށް ގެންދިޔައީ ހަގީގަތުގައި ވެސް އިހުލާސްތެރިކަމެއް އެބޭފުޅުންގެ ނެތީމަ،" މަމްދޫހް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސަރުކާރު ވެރިކަމުން ފައިބައިގެން ދިޔައީ ދައުލަތް ކައި ހުސްކޮށް، ގައުމު ލޫޓުވާލާފައި ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 120 ބިލިއަނަށް އަރުވާލި އިރު، ކުރި ކަމެއް ފެންނަން ނެތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ކުރީގެ ރައީސް އިބްރާހިމް ސޯލިހް މި ވިދާޅުވަކީ އެމަނިކުފާނު ވެރިކަން ކޮށްފައިވާ ގޮތުގެ މައްޗަށް ފޮތެއް ލިޔަން އެބަޖެހެއޭ. ފޮތެއް ނޫން ލިޔަންވީ. ދާރުލް އާސާރެއް ބިނާކުރަންވީ. މިކަހަލަ ބޭފުޅުން މި ގައުމުގެ ވެރިކަމަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް. އެހެންވީމަ މި ގާނޫނު މިހާ އަވަހަށް ގެންނަން ޖެހެނީ." ޝުޖާއު ވިދާޅުވި އެވެ.
"ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 120 މިލިއަން ރުފިޔާގެ ލޯނު ވަނީ ނަގާފައި. ގައުމަށް ދަރަނި އަރުވާލާފައި ކުރި އެއްވެސް ކަމެއް ނެތް އިރުގައި ވަޒީރުން ވެސް ހަދަނީ ދޮގު. މިއަދު ދިވެހި ގައުމުގެ ހާލަތު އެނގޭ"
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ ދަރަނި އިތުރުކޮށް އާމްދަނީ އިތުރުނުވާ ފަދަ ކޮރަޕްޓް މަޝްރޫތަކެއް ހިންގި މަންޒަރު ފެނިގެންދިޔަ ކަމަށެވެ.
އަޒާން ވިދާޅުވީ، ދައުލަތުގެ ދަރަނި އޮތީ އަތް ނުފޯރާ ފަށަށް ގޮސްފައި ކަމަށެވެ. އެގޮތުން ގައުމު 120 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ އިރު، އެ ހާލަތު އައީ މި ސަރުކާރުގެ ސަބަބުން ނޫން ކަމުގައި އަޒާން ވިދާޅުވި އެވެ.
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ކުރީ ސަރުކާރުން "ރާއްޖޭގައި ފޮތް ޗާޕު ނުކުރާ ވަރަށް" ފައިސާ ޗާޕު ކުރަމުން ދިޔަ ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ދިން އިންޒާރުތަކަަށް ބެލުމެއް ނެތި މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ޑިސެމްބަރު 2023 އާ ހަމައަށް ފައިސާ ޗާޕު ކުރެވޭ ގޮތް ހެދި ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ 2019 އިން 2023 އަށް ރާއްޖޭގެ ތާރީހުގައި ވެސް ނުދައްކާ ވަރަށް ދައުލަތުން ދަރަނި ދައްކަން ފައިސާ ހޭދަ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ސަރުކާރުން ވާރުތަކުރި 24.7 ބިލިއަން ރުފިޔާ ވެސް ހިމެނޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ މަންޒަރު ރަނގަޅު ނޫން ކަމަށް މި ސަރުކާރުން ދެއްކިޔަސް، ސަރުކާރުގެ އަމަލުތަކުން އެކަން ފާހަަގަނުވާ ކަމަށެވެ. އެގޮތުން މުލިއާގެ މަރާމާތު ކުރުމަށް 21 މިލިއަން ރުފިޔާ ހަރަދު ކުރުމާއި ސިޔާސީ މަގާމުތައް އަދަދު ނޭނގޭހާ ގިނަވުން ހިމެނޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ، ފުރަތަމަ ކުރަންވީ ކަމަކީ ސިޔާސީ މަގާމުތަކަށް މި ސަރުކާރުން ނަގާފައިވާ މުވައްޒަފުންގެ އަދަދު ހާމަކުރުން ކަމަށާއި 400 ސިޔާސީ މަގާމު އުވާލުމަކުން ނުފުދޭ ކަމަށެވެ. ކަނޑާލާ 400 މުވައްޒަފުންގެ ބަދަލުގައި އަނެއްކޮޅުން އިތުރު 400 މުވައްޒަފުން އައްޔަންކުރުމުން ހަމައެއް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.