މާލެ ސަރަހައްދުގައި މިދުވަސްވަރު ކޮވިޑް ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާތީ، އިތުރު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ދެއްވައިފި އެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބާއްވާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނު ހޭފުޅުލެއްވިއިރު، މާލޭގެ ޕޮޒިޓިވް ކޭސްގެ އަދަދު 139 އަށް އަރާފައިވާ ކަމަށެވެ. އަދި މިއަދުގެ އަދަދުތައް 200 އިން މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ނަސީމް ވިދާޅުވި އެވެ.

"މިހާރު ވެގެން މިއުޅޭ ގޮތަކީ މާލޭގައި ހަމަ [ކޮވިޑް ރޯގާ] ޓޯޓަލީ އައުޓް އޮފް ކޮންޓްރޯލް [ކޮންޓްރޯލުން ނެއްޓިފައި]... މިހާރު ހުރިހާ ބޭފުޅުންނަށް ހީވަނީ ދެން މި ކަންތައް މި ނިމުނީއޭ ވެކްސިން ޖަހާލީމަ. ނޫން މިއީ އެހެން ވާން އޮތް ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ މާލޭގެ ހާލަތު ފުރަބަންދު ކުރަން ޖެހޭ ހާލަތެއްގައި އޮތް ނަމަވެސް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރައްވަނީ ލޮކްޑައުންއަކަށް ނުގޮސް ހިފެހެއްޓުމަށް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ޓޫރިޒަމްއަށް ކަމަށްވާ އިރު، ފުލް ލޮކްޑައުންއަކަށް ދިއުމުގެ ގާބިލުކަން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ނަސީމް

"ރިސޯޓްތަކާއި އަތޮޅުތަކަށް ވުރެ މާލޭގެ ހާލަތު ގޯސް. މާލެ އޮތީ ލޮކްޑައުން [ފުރަބަންދު] އަކަށް ދާ ހާލަތެއްގައި،" ނަސީމް ވިދާޅުވި އެވެ. "މީގައި އީޝޫއަކީ މާލެ. މިއީ މީހުން އެންމެ ބޮޑަށް ތޮއްޖެހިފައި އޮންނަ ސިޓީ. މިއީ މައްސަލައަކީ."

މިނިސްޓަރު ވިދާޅުވީ މާލޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރުމާއި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

ފުލް ލޮކްޑައުންއަކަށް ދާން އެފޯޑެއް ނުކުރެވޭ އަޅުގަނޑުމެންނަށް. އެކަމަކު އެ ހާލަތު މި އޮތީ މާލޭގައި މިހާރު.
ހެލްތު މިނިސްޓަރު

"ފުލް ލޮކްޑައުންއަކަށް ދާން އެފޯޑެއް ނުކުރެވޭ އަޅުގަނޑުމެންނަށް. އެކަމަކު އެ ހާލަތު މި އޮތީ މާލޭގައި މިހާރު. ޔޫކޭގައި ވެސް ފުރަތަމަ ހުރި ފިޔަވަޅުތައް ދޫކޮށްފައި ފިޔަވަޅު އެޅީމާ މައިތިރި ނުވި ދެން އަނެއްކާ ލޮކްޑައުން ކުރަން ޖެހުނީ. އެ ހާލަތު އަޅުގަނޑުމެންނަށް ވެސް މި އޮތީ. އިތުރު ޕްރިކޯޝަންސް ނަގާނަން އަޅުގަނޑުމެން. އެކަން ކުރަން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން ރާއްޖޭގައި ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް މިމަހުގެ ކުރީކޮޅުން ފެށިގެން ވަނީ އަޅާފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 ކާފިއު ވަނީ ހިންގައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވެ އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ކޮވިޑް ވެކްސިން ޖެހުމަށެވެ. އެގޮތުން މިހާތަނަށް 90،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ވަނީ ދީފަ އެވެ.