ގްރޫޕަކުން ގޮސް މަރާލި މޫސާ އަހުމަދު މަނިކުގެ މަރުގެ މައްސަލާގައި ދައުވާލިބޭ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދު ނުކުރެވޭނެ ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކަށް 2017 ވަނަ އަހަރު މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެ މައްސަލަ ނިމެންދެން ސައްމާހު ބަންދުކުރަން ދައުލަތުން އެދުނު ނަމަވެސް އޭނާ ބަންދު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި އެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ހުކުމުގައިވަނީ ހިނގަމުންދާ މައްސަލައެއްގައި ދައުވާލިބޭ މީހަކު ބަންދު ކުރަންޖެހޭ ސަބަބެއް އޮތްތޯ ކަނޑައެޅުމަކީ އެ މައްސަލަ ބަލާ ފަނޑިޔާރުންގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ. އަދި އޭގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭ ފަދަ އިސްތިސްނާ ހާލަތެއް މި މައްސަލާގައި ނެތުމުން ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ސައްމާހު ބަންދު ނުކުރަން ހައި ކޯޓުން ކުރިން ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ކުރިން ވެސް ހުށަހެޅި އެވެ. އޭރު އެ މައްސަލާގައި ސުޕްރީމް ކޯޓުން އެންގީ ހައި ކޯޓުން އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.