ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އިތުރުވަމުންދާތީ މަޖިލިހުގެ މެމްބަރުންގެ ހިޔާލު ހޯދުމަށް މަޖިލިހަށް ހުށަހެޅި ގަރާރު ދިރާސާ ކުރުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން 78 މެމްބަރުންގެ އިއްތިފާގުން އެ ގަރާރު ބަލައިގެންފައިވެ އެވެ. އެހެންވެ ރިޔާސަތުން ނިންމީ އެ ގަރާރު ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވުމަށެވެ.

ގަރާރުގައި ބުނެފައި ވަނީ 17 ވަނަ މަޖިލިހުން ފެށިގެން ރާއްޖޭގައި އިންތިހާބު ކުރެވުނު މަޖިލިސްތަކުގައި މެމްބަރުންގެ އަދަދު އަންނަނީ ކޮންމެ ފަސް އަހަރަކުން ދާއިރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަކުން އިތުރުވަމުން ކަމަށެވެ. މިއީ އޮގަސްޓް 7، 2008 ގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އަދި 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ވުޖޫދުކޮށްފައިވާ ގާނޫނާ އެއްގޮތަށް ކުރިއަށްދާ އުސޫލެއް ކަމަށް ގަރާރުގައިވެ އެވެ.

ނަމަވެސް މެމްބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އެ ގަރާރުގައިވެ އެވެ.

ގަރާރުގައި ބުނީ މެމްބަރުން އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ދިވެހި ގައުމުގެ އާބާދީ އާ އަޅާބަލާއިރު، ރާއްޖޭގެ މަޖިލިހަށް އިންތިހާބު ކުރަން ޖެހޭ މެމްބަރުންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަށް ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވަމުންދާ ދިއުމަށް މަޖިލިހުން ހައްލެއް ހޯދަން ޖެހޭ ކަމަށް ވެސް ގަރާރުގައިވެ އެވެ.

މިދިޔަ ހަތަރު ދައުރަށް ބަލާއިރު 17 ވަނަ މަޖިލިހުގައި 77 މެމްބަރުން، 18 ވަނަ މަޖިލީހުގައި 85 މެމްބަރުން ތިއްބެވި އިރު، 19 ވަނަ މަޖިލިހުގައި 87 މެމްބަރުން ތިއްބެވި އެވެ. އަދި މިހާރު ހިނގަމުން އަންނަ 20 ވަނަ މަޖިލިހުގައި 93 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން މިއީ 16 މެމްބަރުންގެ އިތުރުވުމެކެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.