އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރަކަށް އިމަޖެންސީ މެޑިސިންގެ ހާއްސަ ޑޮކްޓަރު އައިމިނަތު ޒޭބާ މިއަދު ހަމަޖައްސައިފި އެވެ.

އައިޖީއެމްއެޗުން ބުނީ އިމަޖެންސީ ރޫމްގެ އެންމެ އިސްވެރިޔާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ޒޭބާ، މެޑިކަލް ޑިރެކްޓަރަކަށް ހަމަޖެއްސީ ތިން އަހަރުގެ މުއްދަތަށް ކަމަށެވެ. ޒޭބާ ވަނީ މިއަދުން ފެށިގެން އެ މަގާމު އަދާކުރައްވަން ފައްޓަވައިފަ އެވެ.

މެޑިކަލް ޑިރެކްޓަރެއްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކްލިނިކަލް އޮޕަރޭޝަންތައް ބެލެހެއްޓުމާއި ފަރުވާގެ އެންމެ މަތީ މިންގަނޑުތައް ކަށަވަރުކޮށް، ބަލި މީހުންނާއި މުވައްޒަފުންނަށް އުފާވެރި މާހައުލެއް ގާއިމުކޮށް ދިނުން ހިމެނެ އެވެ.

އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ ރޭޑިއޮލޮޖިސްޓް ޑރ. އާމިނަތު ނަޒީރެވެ.

މެޑިކަލް ޑިރެކްޓަރުގެ އަސާސީ މުސާރައަކީ 41،344ރ. އެވެ. އެކަމަކު، މަގާމުގެ އެލަވަންސަށް ކަނޑައަަޅާފައިވާ 30،782ރ. އާ އެކު މަހަކު 72،125ރ. ލިބިވަޑައިގަންނަވާނެ އެވެ.