ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ބުރީގެ ޓަވަރުތަކެއް އަޅާނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއުލާނުކޮށްފި އެވެ.

އެޗްޑީސީން ބުނީ ޓަވަރުތައް އެޅުމުގެ ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތެއް ދިނުމުގެ ގޮތުން އެކަމަށް އެދި އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލައިފައިވާ ކަމަށެވެ.

މިކްސްޑް ޔޫސް ޓަވަރުތައް އިމާރާތް ކުރުމަށް ދޫކުރަން ނިންމާފައި ވަނީ ބިން ވިއްކާ މޮޑެލް އަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ އެ ޓަވަރުތައް އިމާރާތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަން ދޭނީ ބިން ވިއްކަން ހުށަހަޅާ ރޭޓަށާއި ފައިސާ ދައްކަން ހުށަހަޅާ ގޮތެއްގެ އިތުރުން ހުށަހެޅުން ހުށަހަޅާ ފަރާތުގެ މާލީ ގާބިލު ކަމަށް ކަމަށެވެ.

ނަމަވެސް ކޮންމެ ވަގުތަކު ވެސް ހުށަހަޅާ ހުރިހާ އީއޯއައިއެއް ބާތިލު ކުރުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އެފަދަ ހާލަތެއް ކުރިމަތިވެ، އީއޯއައިތައް ބާތިލު ކުރާނަމަ، އީއޯއައި ހުށަހެޅި ކުންފުނިތަކަށް އެކަން އަންގާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ ޓަވަރުތައް އިމާރާތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ބިން ގަތުމަށް ހުށަހަޅާ އަގު (އަކަ ފޫޓަކަށް ކިޔާ އަގު) ގެ އިތުރުން އަގު ދައްކަން ހުށަހަޅާ މުއްދަތު އެނގޭނޭހެން އީއޯއައި އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އިއުލާނުގައި އެދިފައިވެ އެވެ.

އެޗްޑީސީގެ އިއުލާނާ އެކު އާންމުކޮށްފައިވާ ބިމާ ބެހޭ ތަފުސީލުގައިވާ ގޮތުން އެއީ 9،000 އަކަފޫޓާއި 15،100 އަކަފޫޓާ ދެމެދުގެ 10 ބިމެވެ. އެ ބިންތަކުގައި އިމާރާތްކުރަން ޖެހެނީ 14 ބުރީގެ ހަ ޓަވަރާއި 20 ބުރީގެ ދެ ޓަވަރު އަދި 15 ބުރީގެ ދެ ޓަވަރެވެ.