ހުޅުމާލޭގައި ހުންނަ "ރަށުމާރުކޭޓު" އިން ގޮޅި ކުއްޔަށް ހިފުމާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ބީލަމުގެ އުސޫލުން އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް އެޗްޑީސީ އިން ބުނެ އެވެ. އެ ގޮތުން 73.33 އަކަފޫޓެ ފަސް ގޮޅި ދޫކުުރުމަށް ހަމަޖެހިފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ބީލަން ފެށޭ އަގަކީ މަހަކު 3،500 ރުފިޔާ ކަމަށް ވެސް އެޗްޑީސީ އިން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

ބީލަން ފޯމް ބަލައިގަތުމާއި ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 15 ޖުލައި ވަނަ ދުވަހު ހުޅުމާލޭ ރެހެންދި ސުކޫލް ހޯލް ގަ އެެވެ.

ބީލަމުގެ މަރުހަލާއަށް ފަހު ގޮޅި ލިބޭ ފަރާތްތަކުން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވި ގޮޅި ހަވާލުކުރާ ދުވަހުން ފެށިގެން ބަންދު ދުވަސް ހިމެނޭ ގޮތަށް ތިރީސް ދުވަސް ތެރޭގައި ޚިދުމަތް ދޭން ފަށަން ޖެހޭނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ޚިދުމަތް ދޭން ނުފަށައިފި ނަމަ، ގޮޅި ކުއްޔަށް ދިނުމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލަކާ ނުލައި ބާތިލުކުރުމުގެ އިޚްތިޔާރު އެޗްޑީސީ އަށް ލިބިގެންވާ ކަމަށް އެ އިއުލާނުގައިވެ އެވެ.