މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރައްވާ ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯ، ރަށްރަށުގެ ކައުންސިލަރުން މަދުކުރުމުގެކުރިން ސިޔާސީ މުވައްޒަފުން ވައުދާ އެއްގޮތަށް މަދުކުރޭތޯ، މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫން އަދި މިވަގުތު ވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު. ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ރައްޔިތުން ބަލައިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް އެމްޑީޕީން މަރުހަބާ ކިޔާނެ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު "ވާނުވާ"ގައި ބާއްވައިގެން އެއްވެސް ކުރިއެރުމެއް ގައުމަށް ނުލިބޭނެ ކަމަށް ވެސް ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ލޯކަލް ކައުންސިލްތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދާއި މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދުކުރަން ގާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެފައިވަނިކޮށެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ނިޒާމަށް މިހާރު ބަދަލުތަކެއް އަންނަށްޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ މެންބަރުންގެ އަދަދާއި ކައުންސިލްގެ މެންބަރުންގެ އަދަދު މަދުކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ކައުންސިލްގެ އަދަދު މަދުކުރުން, މަޖިލިސް އަދަދު މަދުކުރުން, މިކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ. ނަމަވެސް ދެބޯގެރި ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މާލިއްޔަތު ރަނގަޅުކަމަށް ވަޒީރު ވިދާޅުވާއިރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގައި އިހްލާސްތެރިކަމެއް ނުފެންނަ ކަމަށެއެވެ. އަދި ބޭރުގައި ތިބި ދަރިވަރުންނަށް އެކުދިންގެ ފައިސާ ދޭނެ ގޮތް ސަރުކާރުން ބުނެދޭން ޖެހޭކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމައި މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ހިނގައިދާނެ. ގެންނަން ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަމަކަށް ނުފެނޭ. ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭ ކަމަށެވެ.