ކޮންޓޭނަރުގައި ވަގަށް އެތެރެކުރި 22 ވެހިކަލް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކަސްޓްމަސްގެ ގާނޫނާއި ހިލާފަށް ވެހިކަލް އެތެރެކުރުމާ ގުޅިގެން ހުކުމްކޮށްފައިވަނީ އަމިއްލަ ވިޔަފާރިވެރިއެއްގެ މައްޗަށެވެ.

ކަސްޓަމްސް އިން ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އެ އިދާރާއިން ބެލިބެލުމުން ސިއްރުން ރާއްޖެއަށް ވެހިކަލްތަކެއް އެތެރެކުރިކަން ތަހުގީގަށް ކަށަވަރުކުރެވިފައިވާ ކަމަށާ އަދި އެ ތަކެތި ދައުލަތަށް ނަގައިދިނުމަށް ކަސްޓަމްސް އިން ވަނީ ކޯޓުގައި އެދިފަ އެވެ.

ވިޔަފާރިވެރިޔާ ވެހިކަލްތައް ފޮރުވައިގެން ނެރެފައިވަނީ ފްލައިވުޑް އަދި ޓިމްބަގެ ގޮތުގައި ކަސްޓަމުން ނެރުނު ދެ ކޮންޓޭނަރުގަ އެވެ. އޭގައި ސިއްރުން ރާއްޖެ އެތެރެކޮށްފައިވަނީ 22 ވެހިކަލާއި ސްޕެއާ ޕާޓްސް ކަމަށް އެ ހުކުމުގައިވެ އެވެ.

މި މައްސަލާގައި އެ ތަކެތި އެތެކުރި ވިޔަފާރިވެރިޔާ ބުނެފައިވަނީ އެ ތަކެއްޗަކީ އޭނާގެ މުދާ ނޫން ކަމަށާއި އެތަކެތި ދައުލަތަށް ނެގުމަށް އިއުތިރާޒު ނުކުރާ ކަމަށެވެ. ނަމަވެސް ކަސްޓަމްސްއިން ބުނަނީ ދީފައިވާ ލޮގިންނާއި ޕާސްވޯޑް ބޭނުންކޮށްގެން ވެރިފަރާތަށް ނޭނގި މުދާ އެތެރެ ނުކުރެވޭނެ ކަމަށެވެ.

ސިވިލް ކޯޓުން އިއްވި ހުކުމުގައި ވަނީ ލޮގިން ބޭނުންކުރީ ދައުވާ ލިބޭ މީހާ ނޫންކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެއީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ މުދާކަން މަދަނީ މިންގަޑުން ސާބިތުވާކަމަށާއި އެ ތަކެތި ދައުލަތަށް ނެގުމަށް އަމުރުކުރާކަމަށް އެ ހުކުމުގައިވެ އެވެ.