ފާއިތުވި ފަސް އަހަރު ތެރޭގައި ފެނަކައަށް 4،376 މުވައްޒަފުން އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ޝާއިއުކުރި އެސްއޯއީތަކުގެ ފާއިތުވި އަހަރުގެ ފަހު ކުއާޓާގެ މާލީ ރިޕޯޓުގައިވާ ގޮތުން 2018 ވަނަ އަހަރު ނިމުނުއިރު ފެނަކައިގައި ތިބީ 2،756 މުވައްޒަފުންނެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ފަހު ކުއާޓާ ނިމުނުއިރު އެ އަދަދުވަނީ 7،132 އަށް އަރައިފަ އެވެ. އެހެންކަމުން ފަސް އަހަރު ތެރޭގައި 4،376 މުވައްޒަފުން ވަނީ ފެނަކަ އަށް އިތުރު ވެފައެވެ.

ފެނަކައިގެ އިތުރުން މުވައްޒަފުންގެ އަދަދު އިތުރުވި ފާހަގަކޮށްލެވޭ ބައެއް ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ އާއި އެޗްޑީސީ ހިމެނެ އެވެ. އެގޮތުން އެމްޓީސީސީ އަށް 3،000 މުވައްޒަފުން އަދި އެޗްޑީސީ އަށް 1،100 އަށްވުރެ ގިނަ މުވައްޒަފުން އިތުރުވެފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެސްއޯއީ ތަކުގައި މިހާރު ޖުމްލަ 34،369 މުވައްޒަފުން މަސައްކަތްކުރެ އެވެ. އެއީ އަމިއްލަ ފުދުންތެރިކަމުގައި ހިންގާ ކުންފުނިތަކުގައި 30،723 މުވައްޒަފުންނާ އަދި ސަރުކާރުން ހަރަދުކޮށްގެން ހިންގާ ކުންފުނިތަކުގައި 3،646 މުވައްޒަފުންނެވެ. ދެހާސް އަށާރަވަނަ އަހަރުގެ ނިޔަލަށް އެސްއޯއީ ތަކުގައި ތިބީ ޖުމްލަ 18،676 މުވައްޒަފުންނެވެ. އެހެންކަމުން ފާއިތުވި ފަސް އަހަރު ތެރޭގައި ކުންފުނިތަކަށް 15،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އިތުރުވެފަ އެވެ.

ޕީސީބީން ބުނެފައިވަނީ މި ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ބައެއް ކުންފުނިތަކުގައި އެދުމުން މުވައްޒަފުންގެ އަދަދު ފަދަ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށެވެ. މައުލޫމާތު ހިއްސާނުކުރާ ކުންފުނިތަކުގެ އަދަދުތަކުގެ ގޮތުގައި ހިމަނާފައިވަނީ 2022 ވަނަ އަހަރު ތިބި މުވައްޒަފުންގެ އަދަދު ކަމަށްވެސް އެ ރިޕޯޓުގައިބުނެ އެވެ.