ދެ ސްކޭމެއް ހިންގައި 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސްކޭމް ސެންޓަރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވަނީ ބޮޑެތި އަދަދުތަކުން ސްކޭމް ހިންގައި މީހުން އަތުން ފައިސާ ފޭރިފައިވާ ކަމަށެވެ.

އެގޮތުން ފެބްރުއަރީ މަހު ފުލެޓް ލިބިފައިވާ ކަމަށް ބުނެ އީމެއިލް ހެކްކޮށް އޭނާ ގެންގުޅޭ ނަންބަރު އީސިމަކަށް ބަދަލުކޮށްގެން، ހިންގި ސްކޭމްގައި 587،000 ރުފިޔާ ފޭރިގަނެފައިވެ އެވެ. ސްކޭމްގެ ޝިކާރައަކަށްވި މީހާގެ އެކައުންޓުގައި ހުރި ފައިސާގެ އިތުރުން އެމީހާގެ ހިއްސާ އޮންނަ ޖަމިއްޔާއެއްގެ އެކައުންޓުން ވެސް 562،000 ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ފައިސާތައް އެތައް ބައެއްގެ އެކައުންޓަށް ޖަމާކޮށް އަށް އޭޓީއެމްއަކުން ފައިސާ ނަގާފައިވެ އެވެ.

ދެވަނަ ސްކޭމް ހިންގާފައިވަނީ ރަސްމާލެ ޕްރޮޖެކްޓުގެ ނަމުގަ އެވެ. ޖޫން މަހު 18 ވަނަ ދުވަހު ހިންގި މި ސްކޭމްގެ ޝިކާރައަކަށްވީ ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރެކެވެ. އެމީހާގެ އަމިއްލަ އަކައުންޓުން 24،883.14 ރުފިޔާ އަދި ކުންފުނީގެ އެކައުންޓުން 1،897،016 ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ބުނެ އެވެ. މީގެ ތެރެއިން ސަލާމަތް ކުރެވުނީ އަށްލައްކަ ރުފިޔާ އެވެ. މި ސްކޭމްގައި ސީދާގޮތުންނާއި ނުސީދާ ގޮތުން 12 ރަށަކުން 150 މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ދެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ވަނީ މާފުށީ ޖަލު ރެއިޑްކޮށް ގިނަ އަދަދެއްގެ ފޯނާއި ހެކި ހޯދައިިފަ އެވެ. މިފަދަ ސްކޭމްތަކުގައި ބައެއް ޖަލު އޮފިސަރުންގެ ބައިވެރިވުން އޮންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.